14 Mar 2016, 14:40
ބައިކް މޯލްޑިވްސް އަށް އެއް އަހަރު ފުރުން ފާހަގަކޮށް، ޚާއްޞަ ކަންތައްތަކެއްކޮށްފި އެވެ.
ބައިކް މޯލްޑިވްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމާއަތުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި މި ބައިސްކަލް ބުރެއް ބޭއްވި ކަމަށެވެ. އަދި އެ ބުރުގައި ބައިކް މޯލްޑިވްސްގެ މެމްބަރުންނާއި ހެޔޮ އެދޭ ގިނަ ބަޔަކު ބައިވެރިވި ކަމަށެވެ. އަދި އެ ދުވަހުގެ ރޭ ހާއްސަ ޑިނާ ނައިޓް ހަފްލާއެއް ހިރިޔާ ސްކޫލުގައި ބޭއްވި ކަމަށެވެ.

ބައިކް މޯލްޑިވްސް އިން ހޮނިހިރު ދުވަހު މާލޭގައި ބޭއްވި ބައިސްކަލް ބުރު --
އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދެއްކެވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހަންމަދު ސައީދު ކަމަށާއި އޭނާގެ ވާހަކަފުޅުގައި ބައިކް މޯލަޑިވްސް އިން ހިންގާ ހަރަކާތްތަކަކީ ވޮލްނަޓިއަރިޒަމްގެ ވަރަށް ފުރިިހަމަ ނަމޫނާއެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި އިޖްތިމާއީ ޒިންމާގެ ތެރެއިން ކުރާ މަސައްކަތްތައް ފުރިހަމަ ކުރުމަށް ސަރުކާރުން ދޭން ޖެހޭ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބައިސިކަލް ދުއްވުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ވަރަށް މުުހިންމު ކަމެއް ކަމަށާއި ތިމާވެށި ހިމާޔަތް ކުރުމުގެ އިތުރުން ފަތުރުވެރި ކަމަށް ވެސް އެފަދަ މަސައްކަތްތަކުން ނަފާ ހޯދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.
ގައުމީ ފެންވަރެއްގައި ބައިސްކަލް ދުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ބައިކް މޯލްޑިވްސް އުފެދުނީއްސުރެ އެކި ގޮތްގޮތުން ޙިދުމަތް ކުރި ހަތަރު ބޭފުޅަކަށް ލެޖެންޑަރީ އެވޯޑް ވެސް އެ ހަފުލާގައި ދިން ކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ. އެ ހަތަރު ބޭފުޅުންނަކީ ވީސަން އިބްރާހިމް ޝަރީފާއި ސައުތު މުހަންމަދު ތައުފީގާއި މުހަންމަދު ޙަލީލު ދެވިނަ އަދި، މުހަންމަދު ވަހީދު ނަލަ ކަމަށެވެ.

ބައިކް މޯލްޑިވްސް އިން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޑިނާ ނައިޓް --
ބައިކް މޯލްޑިވްސް އަކީ އަމިއްލަ ބަޔަކު އިސް ނަގައިގެން 2015 ވަނަ އަހަރު ފެށި ހަރަކާތެކެވެ. ބޭނުމަކީ ބައިސްކަލުގެ ވަސީލަތް ބޭނުންކޮށްގެން ތިމާވެށި ހިމާޔަށް ކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމާ އެކު، ދުޅަހެޔޮ ސިއްހަތަކަށް ބައިސްކަލުގެ ބޭނުން ކޮށްގެން ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުން ކަމަށް ބައިކް މޯލްޑިވްސް އިން ބުންޏެވެ.