ބެންކޮކް (މާޗް 14): ތައިލެންޑުގެ ވެރިރަށް ބޭންކޮކުގައި ހުުންނަ ބޭންކެއްގައި މިއަދު ހިނގި ކެމިކަލް އެކްސިޑެންޓެއްގައި އަށް މީހަކު މަރުވެ ހަތް މީހަކަށް އަނިޔާވެއްޖެ އެވެ.

އެހާދިސާ ހިނގީ ބޭންކޮކްގެ ސިއާމް ކޮމާޝަލް ބޭންކުގެ ލިޔެކިޔުންތައް ރައްކާކުރާ ވޯލްޓުގައި ކަމަށް އެބޭންކުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އެ ބޭންކުން ނެރުނު ބަޔާނުގައިވާ ގޮތުން، ހާދިސާ ހިނގީ ބޭންކުގެ މައި އޮފީހުގައި ހުންނަ އަލިފާނުން ސަލާމަތް ކުރާ ނިޒާމް އަޕްގްރޭޑް ކުރަން މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި މަސައްކަތް ކުރާ މީހުންގެ "ފަރުވާކުޑަކަމުން"ނެވެ.

އެހާދިސާ ހިނގީ މަސައްކަތް ކުރަމުން ދިޔަ މީހުންނަށް އޮޅިގެން ވޯލްޓް ތެރެއަށް އަލިފާން ނިއްވާ ގޭހެއް ދޫކޮށްލެވުމުންނެވެ. އެގޭހަކީ ވައިގެ ތެރޭގައި ހުންނަ އޮކްސިޖެން ހުސްކޮށްލާ ގޭހެއް ކަމުން އެމީހުން މަރުވީ ނޭވާ ނުލެވުމުގެ ސަބަބުން ކަމަށް ބޭންކުގެ ތަހުގީގުތަކުން ދައްކާ ކަމަށް ބަޔާނުގައިވެ އެވެ.

އަދި ވޯލްޓުގެ ދޮރުތައް ތަޅުލާފައި ހުރުމުގެ ސަބަބުން ސަލާމަތީ ފަރާތްތަކުން އެހީ ފޯރުކޮށްދިނުން ލަސްވި ކަމަށް ބެންކޮކް ޕޯސްޓުގައިވެ އެވެ.

ފުލުހުން ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. އަދި ބޭންކުން ވަނީ ހާދިސާއާ ބެހޭ އިތުރު މައުލޫމާތު މިއަދު ހާމަ ކުރާނެ ކަމަށް ބުނެފަ އެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ތައިލޭންޑުގައި އެފަދަ ބޮޑެތި ކެމިކަލް އެކްސިޑެންޓުތައް ހިނގުމަކީ އާއްމުކަމެއް ނޫނެވެ. ތައިލެންޑުގެ ތާރީހުގައި ހިނގި އެންމެ ނުރައްކާތެރި އެފަދަ ހާދިސާގައި 200 މީހުން މަރުވެ 500 މީހަކަށް އަނިޔާވި އެވެ. އެއީ 1993 ވަނަ އަހަރު ކުޑަކުދިންގެ ކުޅޭ ތަކެތި އުފައްދާ ކާރުހާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. (ނޫސްއޭޖެންސީތައް)