14 Mar 2016, 13:59
އެންވަޔަރުމަންޓު މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރާ 16 ދަރިވަރަކަށް ސްކޯލާޝިޕު ދީފިއެެވެ.
ވޯލްޑު ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން ގައުމީ ޔުނިވާސިޓީގައި ހިންގާ ބެޗްލާ އޮފް އެންވަޔަރަމަންޓަލް މެނޭޖުމަންޓު ކޯހަށް ހޮވުނު ދަރިވަރުންނަށް ސްކޯލާޝިޕް ލިޔުން ހަވާލު ކުރުމަށް އެންވަޔަރަމަންޓު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދަރިވަރުންނާ ލިޔުން ހަވާލުކޮށްދެއްވީ އެންވަޔަރުމަންޓު މިނިސްޓަރު ތާރިގު އިބްރާހިމް އެވެ.

އެންވަޔަރުމަންޓު މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ 16 ދަރިވަރަކަށް ސްކޯލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒް މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތާރިގު ވިދާޅުވީ، ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ސަރުކާރުން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ މި ސަރުކާރުގެ އެެއް އަމާޒު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެންވަޔަރަމަންޓަލް މެނޭޖުމަންޓަކީ މިއަދު ރާއްޖެއަށް ބޭނުންވެފައި އޮތް އެއް ދާއިރާ. ވަރަށް ގިނަ ފަރާތްތަކެއް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ މިކަމަށް ޓުރެއިން ވެފަ ތިބި،" ތާރިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ކުރިއެރުވޭނީ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓިގެން ކަމަށެވެ. އަދި އެ މަސައްކަތަށް ތަމްރީނު ކުރެވިފައިވާ ގިނަ އަދަދެއްގެ ކުދިން ބޭނުންވާ ކަމަށްވެސް ތާރިގު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިތުރު ގޮތްގޮތަށް ފައިސާ ހޯދައިގެން އެބަ ޖެހޭ އިތުރަށް ބެޗްލާސް ޑިގުރީ ނުވަތަ މާސްޓާސް ޑިގުރީ ނުވަތަ ޑިޕްލޮމާ ލެވެލްގެ ވެސް ވަރަށް ބައިވަރު ކުދިންތަކެއް ތައްޔާރު ކުރަން." ތާރިގު ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، ކުރިއަށް އޮތް ތާނގަވެސް އެކި ޕްރޮޖެކްޓުތަކުން ފަންޑު ހޯދައިގެން ދަރިވަރުންނަށް ސްކޯލާޝިޕްތައް ފޯރުކޮށްދޭނެ ކަމަށެވެ.
"ބޭނުމަކީ ރާއްޖޭގެ ތަރައްގީގެ ހަލުވި ދުވެލީގައި ތަރައްގީވަމުން އައިއިރު އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށް ތިމާވެށި ރަނގަޅަށް މެނޭޖުކޮށް ސުޕަވައިޒު ކުރެވޭނެ ގޮތްތައްވެސް ބަލާ އަދި އެއަށް ބޭނުންވާ ވަސީލަތްތައްވެސް ތަރައްގީ ކުރުން،" ތާރިގު ވިދާޅުވިއެވެ.
ތާރިގު ވިދާޅުވީ، އެވަޔަރަމަންޓަލް މެނޭޖުމަންޓު ދާއިރާއިން ކިޔަވައިގެން ވަޒީފާ ނުލިބޭނެ ކަމުގެ ބިރެއް ނޯންނާނޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ކައުންސިލް ތަކުގައިވެސް އެ ދާއިރާއިން ކިޔަވައިގެން ތިބި ކުދިން ތިބެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ސްކޯލާޝިޕު ހަވާލު ކުރި ދަރިވަރުންގެ ކޯހުގެ ހުރިހާ ހަރަދެއް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެންވަޔަރުމަންޓު މިނިސްޓްރީގެ ފަރާތުންނެވެ.
ސަރުކާރާއި ވޯލްޑު ބޭންކު ގުޅިގެން ޔުނިވާސިޓީގައި ހިންގާ ބެޗްލާ އޮފް އެންވަޔަރަމަންޓަލް މެނޭޖުމަންޓު ކޯހަކީ ޔޫރަޕިއަން ޔޫނިއަން އާއި އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ އެ ޔުނިވާސިތީގައި ޕްރޮގުރާމެކެވެ.