ރައްޔިތުންގެ މަޖިލީހުގައި "ލަދެއް ހަޔާތެއް ނެތިގެން" އަންހެނުންތަކެއް އުޅޭ ކަމަށް މަޖިލީހުގައި ބައެއް މެމްބަރުން މިއަދު ވާހަކަ ދައްކަވައިފި އެވެ. އަދި އެފަދަ ގޮތަކަށް ފިރިހެނުން މެމްބަރުން ނޫޅޭނެ ކަމަށް ވެސް ބުންޏެވެ. ފިރިހެނުންނަށް އެންމެ ބޮޑަށް އަނިޔާ ކުރަނީ އަންހެނުން ކަމަށް ވެސް ބުންޏެވެ. އަންހެނުންނަށް ހައްގުތައް ނުލިބިގެން އަޑު އުފުލާ މީހުންނަކީ "ކަނޑުކޮހުން" ކަމަށް ސިފަވާ ގޮތަށް ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ.

އަންހެނުންނަށް ނިސްބަތްކޮށް އެފަދަ ވާހަކަތައް މަޖިލީހުގެ ތަޅުމަށް ބަންޑުންވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ހުށަހަޅުއްވި ބިލެއްގެ ބަހުސް މަރުހަލާގަ އެވެ.

"ލަދެއް ހަޔާތެއް ނެތިގެން" މަޖިލީހުގައި އަންހެން ކުދިންތަކެއް އުޅޭ ކަމަށް ވިދާޅުވެ، މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. ރިޔާޒު ވާހަކަފުޅުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު (އަސްމާއްތަ) އިސްތިސްނާ ކުރެއްވި އެވެ. ރިޔާޒުގެ އެ ވާހަކަ އަމާޒު ކުރެއްވީ މަޖިލީހުގައި ތިއްބެވި އިދިކޮޅު އެމްޑީޕީގެ، އަންހެން މެމްބަރުންނަށެވެ.

ރިޔާޒު ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ނިޒާމީ މައްސަލައެއް ނެންގެވި އެވެ. މެމްބަރުންނާ މުހާތަބުކޮށް މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާ އިރު، އިހްތިރާމް ކުޑަނުވާނެ ގޮތަށް ވާހަކަ ދެއްކެވުމަށް ރިޔާސަތުން ބާރުއަޅަން ޖެހޭނެ ކަމަށް އިވާ ވިދާޅުވި އެވެ.

އީވާ ނެންގެވީ ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ފުރުސަތު ދެއްވީ ރިޔާޒުގެ ވާހަކަފުޅު ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގައި ހިމެނޭ އަންހެން ފަސް މެމްބަރުން: މަޖިލީހުގެ އަންހެން މެމްބަރުންތަކަކަށް ރިޔާޒު ވަނީ ކާޅަށް ގޮވާފައި-- ފޮޓޯ/ މަޖިލިސް

އީވާއަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ ޕީޕީއެމް މެމްބަރުން ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން މަޖިލީހުގައި ތިއްބެވި "ކާޅު ދެތިން އަންހެނަކު" އަޑުގަދަ ކުރަމުންދާ ކަމަށެވެ.

"މިހާރު މިތަނުގައި ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ވާހަކަ ދައްކަން ފެށީމަ، މިތާ ތިބި ކާޅު ދެތިން އަންހެނަކު ހަޅޭއްލަވާ އަޑު މި އިވެނީ. މިވަރުން ވެސް ބުނަންވީތޯ މި މީހުންނަށް އަޅުގަނޑުމެން ދޭންޖެހެއޭ ވަކިން ހާއްސަ ރައްކާތެރި ކަމެއް. އެއްގޮތަކަށް ވެސް ދޭކަށް ނުޖެހޭ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒަށް އެ ގޮތަށް ވާހަކަފުޅު ދައްކަވަން ރިޔާސަތުން ފުރުސަތު ދެއްވި އިރު، މަޖިލީހުގެ ގަވާއިދުގައި 55 ވަނަ މާއްދާގެ (ހ)ގައި ބުނަނީ މެމްބަރުންގެ އަމަލުތައް އަބަދު ވެސް ބަހައްޓަން ވާނީ މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭ ގޮތުގެ މަތިން ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ ރޫހަށް މަޖިލީހުގެ މެމްބަރުން އަބަދު ވެސް އިހްތިރާމް ކުރަންވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އަންހެނުންނަށް ކައުންސިލްގެ ގޮނޑިއެއް ހާއްސަ ކުރަން ޖެހޭ ގޮތަށް ރޮޒައިނާ ހުށަހެޅުއްވި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު އިތުރަށް ވިދާޅުވީ ފިރިހެނުންނަށް އެންމެ ބޮޑަށް އަނިޔާ ކުރަނީ އަންހެނުން ކަމަށެވެ.

"އެންމެ ބޮޑަށް ފިރިހެނުންނަށް އަނިޔާ ކުރާ ބަޔަކީ އަންހެނުން. މިއީ މިއަދުގެ ހަގީގަތް. އެންމެ ގިނަ ދިރާސާތަކުން ދައްކަނީ އެންމެ ގިނަ ހާޓްއެޓޭކް ޖެހެނީ، ދިވެހި ރާއްޖެއަށް ބެލި ކަމުގައި ވިޔަސް އަންހެނުންގެ އަނިޔާވެރިކަމުން. އަންހެނުންގެ އަމަލުތައް ހުންނަ ގޮތުން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަދެއް ހަޔާތެއް ނެތިގެން މަގުމަތީގައި އުޅޭ އަންހެނުންނަށް ހައްގުތައް ހޯދަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.

ރިޔާޒަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރިޔާޒަކީ އަންހެނުންނަށް އަޅާލުމައި ރައްކާތެރިކަން ދެއްވާ ބޭފުޅެއް ކަމަށެވެ. ރިޔާޒު ތިން އަނބިންނާ ކައިވެރި ކުރައްވައިގެން އުޅުއްވާ ކަމަށް އިޝާރާތްކޮށް ސަލީމް ވިދާޅުވީ އެކަމަކީ ތަނަވަސްކަން ހުރި މީހުންނަށް ވާޖިބެއް ކަމަށެވެ.

"ރިޔާޒު ރަޝީދަށް ވުރެ ރަނގަޅު މީހަކު ނެތް. ތިން މީހުން ބެލެހެއްޓުމަކީ އެ މީހުން ގޯސްމަގަކުން ހިނގައިދާނެތީ އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެއް. އެ މީހުން ގޯސްމަގަކުން ހިނގައިދާނެތީ، ރައްކާތެރިކަމާ އެކު އެ މީހުން ގެންގުޅުމަކީ ތަނަވަސްކަން ހުރި މީހުންނަށް ވާޖިބެއް،" އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވި އެވެ.

"އެހެންވީމާ ރިޔާޒު ރަޝީދަށް އަޅުގަނޑުމެން ސާބަށްދޭންޖެހޭ."

"އަޅުގަނޑުމެންނަށް އަދި އެ ފުރަސަތު ނެތް އިއްޒަތްތެރި ރައީސް،" އިތުރު ކައިވެންޏެއް ކުރެވެން ނެތް ކަމަށް އިޝާރާތްކޮށް ސަލީމް ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)-- ފޮޓޯ/ މަޖިލިސް

އަންހެނުންނަށް ނިސްބަތްކޮށް ސަލީމް ވިދާޅުވީ "މި މީހުންނަށް" ގާނޫނުތަކުން ހައްގުތައް ހޯދައިދީފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ އަންހެނުން ތިބީ ފިރިހެނުންނަށް ވުރެ ކުރީގައި ކަމަށާއި ފިރިހެނުންނަކީ އަންހެނުންގެ ދަށުގައި އުޅޭ ބައެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވުރެ އެ މީހުން ތިބީ މާ ކުރީގައި. އިއްޒަތްތެރި ރައީސް ވިދާޅުވި ގޮތަށް އަޅުގަނޑުމެންނަކީ ހަގީގަތުގައި އެ މީހުންގެ ދަށުގައި އުޅޭ ބައެއް. އެ މީހުން ކުރިއަށް ނެރެގެން އަޅުގަނޑުމެން މިއުޅެނީ،" ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ދެއްކެވި ވާހަކަ އަަށް އިޝާރަތް ކުރައްވައި ސަލީމް ވިދާޅުވި އެވެ.

ސަލީމުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އަންހެނުންނަށް ދޭންޖެހޭ ހުރިހާ ހައްގެއް ދީފައިވާ ކަމަށާއި ކުރިއަތް އޮތް ތަނުގައި ވެސް އެ ހައްގުތައް ދޭން ތައްޔާރަށް ތިބި ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ އަންހެނުންނަށް ދޭންވާ ހުރިހާ ހައްގެއް ދީގެން. އަދި ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންނަށް ވުރެ ވެސް ބޮޑަށް ހައްގުތައް އެ މީހުންނަށް ދޭން މިތިބީ. ހަމަ ތައްޔާރުވެގެން މިތިބީ. އަންހެނުންގެ ހައްގުތައް ނުލިބޭ ކަމަށް ބުނާ މީހުންނަކީ ކަނޑުކޮހުން،" ސަލީމް ވިދާޅުވި އެވެ.

ކީރިތި ރަސޫލާގެ ހަދީސްފުޅަކާ ހަވާލާ ދެއްވައި ސަލީމް ވިދާޅުވީ އަންހެނަކު އިސްލާހުވެއްޖެ ނަމަ މުޅި މުޖުތަމައު އިސްލާހުވެގެންދާނެ ކަމަށެވެ.

"މި މީހުން ބަލަހައްޓަން" ނޭނގިއްޖެ ނަމަ "މި މީހުން" ކޮންމެ ފަދަ ބަޔަކަށް ވެސް ބަދަލުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މި މީހުން ރަނގަޅު ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންވީ މުޅި މުޖުތަމައު އިސްލާހު ކުރުމަށްޓަކައި. މި މީހުން ފަސާދަވެ، މި މީހުން ގޯސްވެއްޖެއްޔާ މުޅި މުޖުތަމައު ހަލާކުވެގެންދާނެ،" ސަލީމް ވިދާޅުވި އެވެ.