އިންޑިއާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ އޮގަނައިޒޭޝަނެއް ކަމަށްވާ ރަޝްތުރިޔާ ސްވަޔަމްސެވަކް ސިންގް (އާރުއެސްއެސް) ގައި ލާން ބޭނުންކުރާ ޔުނިފޯމުގައި ހިމެނޭ ސޯޓު 91 އަހަރު ފަހުން ފަޓުލޫނަށް ބަދަލުކޮށްފި އެވެ.

އާރުއެސްއެސް އަކީ މުޅިދުނިޔޭގައި ވެސް ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ހަދާފައިވާ އެންމެ ބޮޑު އަދި އެންމެ މީހުން ގިނަ އޮގަނައިޒޭޝަނެވެ. އިންޑިއާގެ ސަރުކާރު ހިނގާ ޕާޓީ ބީޖޭޕީ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެސް ބޮޑު ހިއްސާއެއް އޮންނަ އައިއެސްއެސް އަކީ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޮޑު ދައުރެއް އަދާކުރާ އޮގަނައިޒޭޝަނެކެވެ.

އާރުއެސްއެސްގެ ޔުނިފޯމުގައި 91 އަހަރުވަންދެން ޔުނިފޯމު ވަންތަކަން ދައްކުވައިދިން އެ ސޯޓު ބަދަކުރަން ނިންމީ އެ އޮގަނައިޒޭޝަންގެ އަހަރީ އާންމު ޖަލްސާގަ އެވެ. ޔުނިފޯމަށް އެގެނައި ބޮޑު ބަދަލާ ބެހޭ ގޮތުން އެ އޮގަނައިޒޭޝަނުގެ ޖެނެރަލް ސެކްޓްރީ ޝްރޭޝް ބައްޔާޖީ ވިދާޅުވީ އެއީ އަބަދު އެއްގޮތެއްގައި ނުތިބެ ޒަމާނާ އެއްގޮތަށް ބަދަލުވުމަށް ގެނައި ބަދަލެއް ކަމަށެވެ.

މީގެ ކުރިން ލީ ސޯޓުގައި ބޭނުންކުރަމުން އައީ ބިސްކުލައެއް ނަމަވެސް ފަޓްލޫނަށް ބަދަލުކުރުމަށް ފަހު އޭގެ ކުލަވެސް މިވަނީ ބަދަލުކޮށްފަ އެވެ. އެއީ މުށިކުލަ އެވެ. އެކުލައަށް ފަޓްލޫނު ބަދަލުކުރުމުގައި ވަކި ހާއްސަކަމެއް ނެތް ކަމަށް ޝްރޭޝް ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއީ "އާންމުކޮށް ލިބޭ ލައިގެން ހުންނައިރު ރީތި" ކުލައަކަށްވުމުން ބަދަލުކޮށްލީ ކަމަށެވެ.

ޔުނިފޯމަށް އެގެނައި ބަދަލު އެއްކޮށް ފުރިހަމަ ކުރުމަށް އޮގަނައިޒޭޝަންގެ މެމްބަރުންނަށް ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އާރުއެސްއެސް ވުޖޫދަށް އައިސްފައި ވަނީ 1925 ވަނަ އަހަރު އެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނާ ގޮތުން އާރުއެސްއެސް ޖަމާއަތަކީ ކްރިސްޓިއަނުންނާއި މުސްލިމުންގެ ގަބޫލުކުރުންތަކާ ދެކޮޅު ބައެކެވެ.