ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރު އަމިއްލަ ފަރާތްތެއްގެ އެކައުންޓުތަކުގައި ދައުރުކުރުވަމުން ގޮސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހިއްސާ ކުރިން އޮތް ކުންފުންޏަކަށް ލިބުނު ގޮތް ދައުލަތުން ޝަރީއަތުގައި ކިޔައިދީފި އެވެ.

މާބިންހުރާ ކުއްޔަށް ދިނުމުން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރި މައްސަލައިގެ ޝަރީއަތުގައި ދައުލަތުން މިއަދު ބުނީ، އަދީބުގެ ހިއްސާ ކުރިން އޮތް، އަމިއްލަ ކުންފުންޏެއް ކަމަށްވާ މޮންޓަލިއޯން އިންޓަނޭޝަނަލްއަށް ހިޔާނާތުގެ ފައިސާގެ ތެރެއިން 2.3 މިލިއަން ޑޮލަރު ލިބުނު ކަމަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ދައުލަތުން ބުނީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށެވެ. އެ ޗެކާ ޒިޔަތު ހަވާލު ކުރެއްވީ އަދީބާ ކަމަށާއި އެ ޗެކާމެދު އަމަލު ކުރަންވީ ގޮތުގެ އިރުޝާދު އަދީބު ދިޔައީ ދެއްވަމުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ފަސް މިލިއަން ޑޮލަރުގެ ޗެކު ޖަމާކޮށްފައި ވަނީ އަހުމަދު އަދީބުގެ އަރިސް ބޭފުޅެއް ކަމުގައިވާ މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ މިލޭނިއަން ކެޕިޓަލްގެ އެކައުންޓަށް ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ އެ ފައިސާ ތެރެއިން ބައެއް ފައިސާ މިލޭނިއަން ކެޕިޓަލްގެ އެކައުންޓު މެދުވެރިކޮށް ދެ ފަހަރެއްގެ މަތިން މޮންޓަލިއޯން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކުރި ކަމަށެވެ.

މޮންޓަލިއޯން އިންޓަނޭޝަނަލްގެ އެކައުންޓަށް ފުރަތަމަ ފަހަރު 1.5 މިލިއަން ޑޮލަރު ޖަމާކުރި ކަމަށާއި ދެ ވަނަ ފަހަރު 800،000 ޑޮލަރު ޖަމާ ކުރި ކަމަށް ދައުލަތުން ބުންޏެވެ.

އެ ހުރިހާ ކަމެއްވެސްކޮށްފައި ވަނީ އަދީބުގެ އިރުޝާދުގެ ދަށުން ކަމަށް ދައުލަތުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.

ދައުވާ އަށް އިއުތިރާފުވެވަޑައިގަންނަވާ ކަން ވެސް ނުވަތަ އިންކާރުކުރައްވާކަން ވެސް އަދީބު ވިދާޅުވެފައިނުވާތީ ދައުލަތުން ވަނީ އެކަން ފާހަގަކޮށްފައެވެ.

އަދީބުގެ ވަކީލު ވިދާޅުވީ ދައުވާ އަށް ޖަވާބުދާރީވެވޭނީ މައްސަލާގައި ހިމެނޭ ލިޔުންތައް ލިބުނުން ކަމަށާއި ތަހުގީގު ބަޔާން ފިޔަވައި އިތުރު ލިޔުމެއް އަދި ލިބިފައިނުވާ ކަމަށެވެ.

ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮންޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވެ އެ ފައިސާ ދައުލަތަށް ލިބިފައިނުވާތީ ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ދައުވާއެވެ. އަދި އަދީބާއި ޒިޔަތުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތުގައި ބައިވެރިވުމުގެ ދައުވާއެވެ.

ޒިޔަތުގެ ގާނޫނީ ވަކީލު ޗުއްޓީގައި ހުންނެވުމުން އޭނާގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ޒިޔަތު މިއަދު ޝަރީއަތަށް ހާޒިރުކުރިއެވެ. ހާމިދަށް ދައުވާ އަށް ޖަވާބުދާރީވުމަށް މިއަދު ފުރުސަތުދީފައެއް ނުވެއެވެ. މިއަދު ހާމިދުގެ ފަރާތުން ފާހަގަކުރެއްވީ އޭނާ ޑޮކްޓަރަށް ނުދައްކާ މައްސަލައެވެ.

ހާމިދުގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ ޖަލުގައި އޮންނަތާ އެއް މަހާއި 12 ދުވަސް މިއަދަށްވި އިރު ހާމިދުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ވެސް ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ. ހާމިދުގެ ބަލި ހާލަތުގެ ތަފްސީލު ހަނީފާ މިއަދު ވަނީ ޝަރީއަތުގައި ކިޔައިދީފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މީގެކުރިން ޕީޖީ އޮފީހަށް އެކަން ހުށަހެޅިފައިނުވާ ކަމަށާއި އެކަންކަން ބަލާނެ ކަމަށެވެ. ހާމިދުގެ ބަލި ހާލަތަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްދިނުމަށް އޭނާގެ ފަރާތުން އެދުނުނަމަވެސް ގާޒީ ނިންމެވީ ބަންދުން ދޫކުރެވެން ނެތް ކަމަށެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.