14 Mar 2016, 14:04
ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކަމާ އެކު ނަޒާހަތްތެރިވުމަށް ބާރުއެޅުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އުފެއްދި ނަޒާހަތްތެރިކަމުގެ ވައުދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުުން މިއަދު ސޮއިކޮށްފި އެވެ.
އެ ވައުދުގެ މަގުސަދަކީ ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަމާ އެކު ޒިންމާދާރުވުމަށް ބާރުއެޅުމުގެ އިތުރުން ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް އިންސާފުވެރިކަމާ އެކު ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުން ވެސް ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަޒުމް ކަނޑައެޅުމެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އިދާރާގެ މެމްބަރުންނާއި އެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން ވަނީ ނަޒާހާތްތެރިކަމުގެ ވައުދުގައި ސޮއި ކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (އަޒީ) ވިދާޅުވީ އެ އޮފީހުން އަބަދުވެސް މަސައްކަތް ކުރަނީ ނަޒާހަތްތެރިކަމާ އެކުގައި ކަމަށާއި، މިއަދު ވެވުނު އެއްބަސްވުމަކީ އެކަން ރަމްޒުކޮށްދިނުމަށް ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ދެމެދު އެއްބާރުލުން ގާއިމުކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
ގައުމީ ނަޒާހަތްތެރިކަމުގެ ވައުދުގައި އެންމެ ކުރިން ސޮއި ކޮށްފައި ވަނީ އޭސީސީއިންނެވެ. އޭސީސީ އިން ބުނެފައި ވަނީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށް ވެސް އެ ވައުދުގައި ސޮއި ކުރުމަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. މިހާތަނަށް ދައުލަތުގެ އިދާރާތަކާއި އެހެނިހެން އޮފީސްތަކުންވެސް ވަނީ ނަޒާހަތްތެރިކަމުގެ ވައުދުގައި ސޮއިކޮށްފަ އެވެ.