ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަށް ޖަވާބުދާރީވުމަށް އޭނާ އަށް 30 މިނެޓު ދިނުމަށް ރައްޔިތުން މަޖިލީހުގެ އާއްމު ކޮމެޓީން ފާސްކޮށްފި އެވެ.

އާއްމު ކޮމެޓީން އެގޮތަށް ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.

މަސީހަށް މަޖިލީހުގައި ޖަވާބުދާރީ ވުމަށް އޮންނަ ބަހުސަށް ކަނޑައަޅާފައިވާ ޖުމުލަ ވަގުތަކީ ދެގަޑިއިރެވެ. އެ ދެ ގަޑިއިރުގެ ތެރޭގައި މަޖިލިސް ރައީސަށް 30 މިނެޓު ލިބެނީ ތިން ބަޔަކަށް ބަހާލައިގެން ނެވެ. އެއީ ބަހުސް ފެށުމުގެ ގޮތުން 10 މިނެޓު އަދި ބަހުސްގެ މެދުތެރެއިން 10 މިނެޓުގެ އިތުރުން ފަހު ބަސް ވިދާޅުވުމަށް 10 މިނެޓެވެ.

ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި މަޖިލީހުގައި ކުރާ ބަހުސް އެއްވެސް ހާލަތެއްގައި ތިން ގަޑިއިރަށް ވުރެ ދިގުވެގެން ނުވާނެ ކަމަށެވެ.

ގަވާއިދުގައި ބުނެފައި ވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހިނގަމުންދާ ޖަލްސާއެއްގައި ވާހަކަދައްކާނެ މެމްބަރުންގެ އަދަދާއި މެމްބަރަކު ވާހަކަދައްކަން ލިބޭ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ އާއްމު ކޮމެޓީން ކަމަށެވެ. އަދި މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ލިބިދޭ ފުރުސަތުގެ އަދަދާއި އެ ފުރުސަތުގެ ދިގުމިން ކަނޑައަޅާނީ ވެސް އާއްމު ކޮމެޓީން ކަމަށް ރައްޔިތުން މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިސް މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިއްޔެ ފޮނުވާފައިވާ ކަމަށެވެ.

ގަވާއިދުގައި ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި (ރަސްމީ ބަންދު ނޫން ތިން ދުވަސް) އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ނޯޓިސް ދިނުމަށް ފަހު، 10 ދުވަހުގެ މުއްދަތު ދީ، ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާ އަކަށް އެ މައްސަލަ ހުށަހަޅަން ވާނެ ކަމަށެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 19 މެމްބަރުންގެ ސޮއިއާ އެކުގަ އެވެ. މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުން ވަނީ 43 ވޯޓެވެ.