14 Mar 2016, 12:17
ކުއަލަލަމްޕޫރު (މާޗް 14): މެލޭޝިއާގެ ބޮޑުވަޒީރު، ނަޖީބު ރައްޒާގުއާ ސުވާލުކުރަން މަސައްކަތް ކުރި އޮސްޓްރޭލިއާގެ ނޫސްވެރިޔަކާއި ކެމެރާ ކުރާ މީހަކު ހައްޔަރުކޮށްފި އެވެ.
އޭބީސީގެ ފޯކޯނާސް ޕްރޮގްރާމުގެ ނޫސްވެރިޔެއް ކަމަށްވާ ލިންޓަން ބޭސާ އާއި ކެމެރާ ކުރާ ލުއީ އެރޮގްލޫ ހައްޔަރު ކުރީ މެލޭޝިއާގެ ކޫޗިން ސިޓީގެ މިސްކިތަކަށް ރައްޒާގު ވަޑައިގަތް މަގުމަތީގައި އޭނާގެ ކޮރަޕްޝަންގެ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރަން މަސައްކަތް ކުރުމުންނެވެ.
ބޮޑުވަޒީރުގެ އެކައުންޓުގައި ހުރި 681 މިލިއަން ޑޮލަރާ ގުޅިގެން ފެންމަތިވި ކޮރަޕްޝަންގެ މައްސަލައިގައި އެގައުމުގެ ކޯޓަކުން ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން އޭނާ އަށް ދެއްވި ހަދިޔާއެއް ކަމަށް ނިންމައިފަ އެވެ. ނަމަވެސް، އެމައްސަލައާ ގުޅިގެން ބޭރު ގައުމުތަކުގައި އަދިވެސް ބައެއް ތަހުގީގުތައް ކުރިއަށްދެ އެވެ.
މެލޭޝިއާގެ ފުލުހުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ދެ ނޫސްވެރިން ހައްޔަރުކުރީ "ސަލާމަތީ ލައިނެއް ފަހަނައަޅާ ގޮސް، ބޮޑު ވަޒީރާ ކައިރިއަށް ދާން މަސައްކަތް" ކުރުމުންނެވެ.
"ސަލާމަތީ ލައިން ހުރަސް ނުކުރަން ފުލުހުން އިރުޝާދު ދިނުމުން، އެގޮތަށް އަމަލު ނުކުރުމުން އެމީހުން ހައްޔަރުކުރީ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ނަމަވެސް، ބޭސާ އާއި އެރޮގްލޫ ވަނީ ފުލުހުންގެ ލައިނެއް ހުރަސްކޮށްފައި ނުވާނެ ކަމަށާއި އޮފިޝަލުންގެ މަސައްކަތަށް ހުރަސް އަޅާފައި ނުވާނެ ކަމަށް ވެސް ބުނެފަ އެވެ.
ފުލުހުން ސުވާލުކުރުމަށް ފަހު އެދެ ނޫސްވެރިން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އަދި އެމީހުންގެ ޕާސްޕޯޓުތައް ވަނީ އަނބުރާ ދީފަ އެވެ. ނަމަވެސް، އެމީހުންގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. (ބީބީސީ)