14 Mar 2016, 11:56
ސްޕެނިޝް ލީގްގައި ރޭ ކާލޮސް ކަސްމެރޯ ފަހުވަގުތު ކާމިޔާބްކޮށްދިން ލަނޑުން 2-1ގެ ނަތީޖާ އަކުން ލަސް ޕަލްމަސް މައްޗަށް ކުރި ހޯދައިފި އެވެ.
ރޭގެ ނަތީޖާއާ އެކު ރެއާލް އޮތީ 63 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ ތިން ވަނައިގަ އެވެ. މި މެޗުން ބަލިވި ލަސްޕާމަސް އޮތީ 30 ޕޮއިންޓާ އެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގަ އެވެ. ދެވަނާގައި އޮތް އެތުލެޓިކޯ އަށް 67 ޕޮއިންޓް ލިބިފައިވާ އިރު އެއް ވަަނައިގައި ބާސާ އޮތީ 75 ޕޮއިންޓާ އެކު އެވެ.
ލަސް ޕަލްމަސްގެ ދަަނޑުގައި ކުޅުނު އެ މެޗު ފެށިގެން އެ ޓީމުން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ރެއާލް އިން ވަނީ މެޗުގެ ކުރީ ކޮޅުގައި ގޯލެއް ކާމިޔާބކޮށް މެޗުގެ ލީޑް ނަގައިފަ އެވެ. އެ ގޯލު 24 ވަނަ މިނެޓުގައި އިސްކޯގެ އެހީތެރިކަމާ އެކު ރެއާލް އަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ ރާމޮސް އެވެ. އެ ގޯލުގެ ކުރިން ރެއާލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ރޮނާލްޑޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފް ރެއާލްއިން ކުރީގައި އޮވެ ނިމުނު ނަަމަވެސް ލަސް ޕްލްމަސް އިން މެޗުގެ 87 ވަނަ މިނެޓްގައި ވިލިއަން ޖޮސޭގެ ގޯލުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ލަސް ޕްލްމަސް އިން ގޯލެއްޖެހިތާ ދެ މިނެޓް ފަހުން ރެއާލް އިން ވަނީ ގޯލެއް ކާމިޔާބް ކޮށްފަ އެވެ. އެގޮތުން ރެއާލް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެސީ ރޮޑްރިގޭޒްގެ އެހީތެރިކަމާ އެކު ކަސްމިރޯ ވަނީ ކާމިޔާބްކޮށްފަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ނަތީޖާއާ މެދު ހިތްހަމަ ޖެހުނު ނަމަވެސް ރެއާލްގެ ފަރާތުން ފެނުނު ކުޅުމާ ދޭތެރޭ ހިތް ހަމައެއް ނުޖެހޭ ކަމަށެވެ.
"ރެއާލްގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް. ރަނގަޅު ކާމިޔާބީއެއް ހޯދާ ނަމަ މިއަށްވުރެން ރަނގަޅު ކުޅުމެއް ރެއާލްގެ ފަރާތުން ފެންނަން ޖެހޭ،" ޒިދާން ބުންޏެވެ.