ދުބާއީ (މާޗް 14): އެއް މިލިއަން ޑޮލަރުގެ ގްލޯބަލް ޓީޗާ ޕްރައިޒް އެވާޑް ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި އުޅެބޮޑުވި ޓީޗަރެއް ކަމަށްވާ ހަނާން އަލް ހުރޫބްއަށް ލިބިއްޖެ އެވެ.

ފަގީރު ކުދިންގެ ތައުލީމީ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ ވާކީ ފައުންޑޭޝަންގެ ފަރާތުން އެއިނާމު ހުރޫބްއަށް ދެއްވީ ޔޫއޭއީގެ ބޮޑު ވަޒީރު، ޝޭހް މުހައްމަދު ބިން ރަޝީދު އަލް މަހްތޫމް އާއި ވާކީ ފައުންޑޭޝަން އުފެއްދެވި ސަނީ ވާކީ އެވެ.

"ފަލަސްތީނުގެ އަންހެން މުދައްރިސަކަށްވެ ހުރެ މިސްޓޭޖަށް އަރަން ލިބުމަކީ އަޅުގަނޑު ފަހުރުވެރިވާ ކަމެއް. އަޅުގަނޑު ދެކެނީ މިއީ ހުރިހާ ޓީޗަރުންނަށް ލިބުނު ކާމިޔާބީއެއް ކަމަށް. ހާއްސަކޮށް ފަލަސްތީނުގެ ޓީޗަރުންނަށް،" ހުރޫބް ބުންޏެވެ.

ހުރޫބް އަކީ އެއެވާޑް ލިބުނު ދެވަނަ ފަރާތެވެ. ގްލޯބަލް ޓީޗާ ޕްރައިޒްއަކީ ކިޔަވާ ދިނުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަށް ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވާޑެކެވެ.

ފަލަސްތީނުގެ ހަމަނުޖެހުންތައް ގިނަ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅުމުން ލިބުނު ތަޖުރިބާ ބޭނުންކޮށްގެން ހުރޫބް ވަނީ ހަރުކަށިކަމާނުލާ، ކުޅުމާ މަޖަލުން ކިޔަވާ ދޭނެ އުކުޅެއް ތައާރަފްކޮށްފަ އެވެ. "ވީ ޕްލޭ އެންޑް ލާން" ކިޔާ ފޮތެއް ލިޔެފައިވާ ހުރޫބް ވަނީ އޭނާގެ ހިޔާލުތައް ކޮންފަރެންސްތަކާއި، ބައްދަލުވުންތަކާއި މުދައްރިސުން ތަމްރީނު ކުރާ ސެމިނާތަކުގައި ހިއްސާކޮށްފަ އެވެ.

ފަލަސްތީނުގެ ސަމީހާ ހަލީލް ހައި ސްކޫލްގެ ޓީޗަރެއް ކަމަށްވާ ހުރޫބް ކިޔަވާދޭން ބޭނުން ކުރާ އާގޮތުގެ ސަބަބުން، ހަމަނުޖެހުންތައް އާއްމު ސްކޫލްތަކުގައި ހަމަނުޖެހުންތައް މަދުވި އެވެ.

ހުރޫބް އުއްމީދު ކުރަނީ ތައުލީމުގެ ޒަރިއްޔާއިން ހަމަނުޖެހުންތައް އެއްކޮށް ނައްތާލުމަށެވެ. (އަލްޖަޒީރާ)