14 Mar 2016, 11:51
ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހްމަދު ނަޖީބު އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް އަނެއްކާ ވެސް ނިންމާލައިފި އެވެ.
ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ، ހަނާ މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މީގެ ތިން އަހަރު ކުރިން 19 ޖުލައި 2012 ވަނަ އަހަރު އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބެންޗަށް ބަދަލު އައިސްގެން ނިންމާލާފައި އޮތް އަޑު އެހުންތައް އަނެއްކާ މިއަދު ވެސް ނިންމާލީ ބެންޗަށް އައި ބަދަލަކާ ގުޅިގެން އިޖުރާއަތުތައް ފުރިހަމަކުރުމަށް ކަމަށް ފަނޑިޔާރު އަލީ ސަމީރު ވިދާޅުވި އެވެ. އެގޮތުން މީގެ ކުރިން ބެންޗުގައި އިންނެވި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ބަދަލުގައި މިއަދު ފަނޑިޔާރުންގެ ބެންޗުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވެސް އަދި ހަނާގެ ފަރާތުން ވެސް އިތުރުކަމެއް ސާފު ކުރަން ނެތްކަމަށް ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ސަމީރެވެ. އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުޖާއު އުސްމާނު އާއި ފަނޑިޔާރު އަބްދުއްރައުފް އިބްރާހިމް އެވެ.
ހަނާގެ އިތުރުން އެމައްސަލާގައި މެރުމަށް ހުކުމްކޮށްފައިވާ އޭނާގެ ލޯބިވެރިޔާ މުއްރަތު މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.