ނަވާރަސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރު ގދ. ތިނަދޫ އިން މީހުން ބޭލި ގޮތުގެ މައްޗަށް ބިނާކޮށް ހާއްސަ ޑޮކިއުމެންޓްރީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

"1962 ތިނަދޫ"ގެ ނަމުގައި އުފައްދާ ޑޮކިއުމެންޓްރީގެ މަސައްކަތް ކުރިއަށް ދަނީ ތިނަދޫ ކައުންސިލް އަދި މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހުއާ ގުޅިގެން ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.

އެ ޑޮކިއުމެންޓްރީއަކީ ތިނަދޫ އިން މީހުން ބޭލުމަށް ފަހު އަލުން އެ ރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.

ތިނަދޫ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް އަސްއަދު "ސަން" އަށް މިއަދު ވިދާޅުވީ، އެ ޑޮކިއުމެންޓްރީގެ މަސައްކަތް ކުރުމަށް މިހާރު، އެރަށުން މީހުން ބޭލި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކާ އިންޓަވިއުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ޑޮކިއުމެންޓްރީގައި ފެނިގެންދާނީ އެރަށުން މީހުން ބާލަން މެދުވެރިވި ސަބަބާ، މީހުން ބޭލި ގޮތާއި އެއަށްފަހު ތިނަދޫ ރައްޔިތުން އުޅުނު ދަތި ހާލުގެ އިތުރުން އަލަށް އެ ރަށް ތަރައްގީވެގެން އައި ގޮތް ކަމަށް ކައުންސިލުން ބުނެ އެވެ. ޑޮކިއުމެންޓްރީގައި މުޅިން ވެސް ފެނިގެންދާނީ އެރަށު ރައްޔިތުންނެވެ.

ޑޮކިއުމެންޓްރީގެ އިތުރުން ވެސް އެރަށް އާބާދުވިތާ 50 އަހަރު ފުރުމަށް ކުލަގަދަ ހަރަކާތްތަކެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެދުވަސް ކުލަގަދަކޮށް ފާހަގަކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރޭނީ އަންނަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. ޑޮކިއުމެންޓްރީ ވެސް އެ ދުވަހާ ދިމާކޮށް ރިލީޒްކުރެވޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.