ރައީސް އަބްދުﷲ ޔާމީންގެ ތިން އަހަރުގެ ވެރިކަމުގެ ތެރޭގައި މިހާތަނަށް 15.8 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެމްބަރުންގެ ސުވާލުތަކަށް މިއަދުގެ ރައްޔިތުން މަޖިލީހުގައި ވާހަކަފުޅުދައްވަމުން ތާޜިގު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ހަތަރު ރަށެއްގެ 3.9 ކިލޯމީޓަރުގެ ގިރާ ސަރަހައްދުގެ މަސައްކަތް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ.

ތާރިގު ވިދާޅުވީ 13 ރަށެއްގައި 6.4 ކިލޯ މީޓަރުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތަށް 223 މިލިއަން ރުފިޔާ ހަރަދު ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގެ މި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 15.8 ކިލޯ މީޓަރު ހިމާޔަތް ކުރެވެމުންދޭ،" ތާރިގް ވިދާޅުވި އެވެ.

ތާރިގު ވިދާޅުވީ އެފަދަ މަސައްކަތަކީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ކުރެވިފައިވާ ވަރުގެ މަސައްކަތެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ތިމާވެށީގެ ގިނަ މަސައްކަތްތައް ސަރުކާރުން ކުރަމުން ދަނީ ބޭރުގެ ހިލޭ އެހީގެ ދަށުން ކަމަށެވެ.