14 Mar 2016, 10:24
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަޖިލިސް މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވައިފި އެވެ.
ރައްޔިތުން މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ އެޖެންޑާ ކުރާނީ މި މަހުގެ ފަހުކޮޅުގައި ކަމަށް ވެސް އަމީން އާއްމު ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މަޖިލީހަށް ވައްދާފައިވާ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 19 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މަޖިލިސް މެމްބަރުންގެ ތެރެއިން 15 މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުންނަށް މަޖިލީހުގެ ރައީސް ކަމަށް އިތުބާރު ނެތްކަމަށް ފެނިއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.
ގަވާއިދުގައި ބުނެފައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ލިޔުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި (ރަސްމީ ބަންދު ނޫން ތިން ދުވަސް) އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މެމްބަރުންނަށާއި މަޖިލީހުގެ ރައީސަށް ފޮނުވަން ޖެހޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ނޯޓިސް ދިނުމަށް ފަހު، 10 ދުވަހުގެ މުއްދަތު ދީ، ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާ އަކަށް މައްސަލަ ހުށަހަޅަން ވާނެ ކަމަށެވެ.
މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުން ވަނީ 43 ވޯޓެވެ.
މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން ނެވެ.
އެމްޑީޕީން މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށް ވެފައި، މަޖިލީހުގެ ރައީސްގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް މަޖިލީހުގެ ގަވާއިދުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ އިރު ވެސް މަސީހް ތަކުރާރުކޮށް އެ ގަވައިދުތަކާ ހިލާފުވެ މަޖިލީހުގެ ގަދަރާއި ޝަރަފު ނަގާލައި މަޖިލީހުގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެވެ.