(10 މާރޗްގެ އަދަދާގުޅޭ)

ކޮންމެއަކަސް އެންމެފުރަތަމަ މައްކާއިން މަދީނާއަށް ވަޑައިގަތީأبو سلمةކަމީ ދެބަސްވެވޭކަމެއް ނޫނެވެ. މަދީނާއިން އެކަލޭގެފާނަށް މެހްމާންދާރީ އަދާކުރެއްވީعمرو بن عوفގެ ޢާއިލާއިންނެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ހިޖްރަޔަށް ވަޑައިގަންނަވަންދެން އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާގެ މެމްބަރުން ތިއްބެވީ ޤުބާގައެވެ.بنوعمرو بن عوفގެ މެހްމާނުންގެ ގޮތުގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް ވަޑައިގަތުމަށްފަހުأبو سلمةއަށް މަދީނާގެ ޢާލިޔާއެވެ ކިޔުނު އަވަށުން ބިމެއް ދެއްވިއެވެ.

السّيّدة أمّ سلمة رضى اللّـه عنهاޤުބާއަށް އަރައިވަޑައިގަތުމުން މީހުން އެކަމަނާގެ ޙާލުކޮޅު އަހައި އޮޅުންފިލުވިއެވެ. އެކަމަނާގެ ޢާއިލާއާ ބެހޭގޮތުންވެސް ސުވާލުކުރިއެވެ. އެކަމަނާގެ ބައްޕަގެ ވާހަކަ ވިދާޅުވުމުން، މީހުން އެކަން ޤަބޫލެއް ނުކުރެއެވެ. އެކަމަނާ ގިނިކަންޏާ ޤުބާއަށް އަރައިވަޑައިގެންނެވީތީއެވެ. ޤުރައިޝުންގެ ބޮޑުންކުރެزاد الرّكب أبو أميّةފަދަ މުއްސަނދި މަހްޖަނެއްގެ ދަރިކަނބަލަކު ގިނިކަންޏާ ދަތުރުކުރައްވާނެކަމަށް ޤަބޫލު ނުކުރެވޭތީއެވެ. އެކަމަނާގެ އީމާންކަމުގެ ބާރާއި ޢަޒުމުފުޅުގެ ވަރުގަދަކަމަކަށް މީހުންގެ ވިސްނުމެއް ނުފޯރުވެއެވެ. މީހުން އެކަމަނާގެ ވާހަކަ ޤަބޫލުކުރީ މައްކާއަށްދިޔަ ބަޔަކާ ޙަވާލުކުރައްވައި އެކަމަނާގެ ގެއަށް ސިޓީފުޅެއް ފޮނުއްވުމުންނެވެ. އެކަމަނާއަކީزاد الرّكبގެ ދަރިކަނބަލެއްކަން ޔަޤީންވުމުން، މީސްތަކުން އެކަމަނާއަށް ކަމޭހިތައި ޤަދަރުކުރިއެވެ.

السّيّدة أمّ سلمة رضى اللّـه عنهاއެކަމަނާގެ ބޭފުޅުން ގޮވައިގެންأبو سلمة رضى اللّـه عنهހުންނެވި ގެއަށް ވަޑައިގަތުމުންأبو سلمةއަށް ލިބިވަޑައިގެންނެވި އާދަޔާ ޚިލާފު އުފާފުޅުގެ ސަބަބުންأبو سلمةގެ ހިތްޕުޅުހީވީ އުފަލުން ނަށަންފެށިހެންނެވެ.أبو سلمةއުފާފުޅާއި ޙައިރާންފުޅުކަން އެކުލެވިގެންވާ ޙާލުކޮޅެއްގައި މަރްޙަބާ ވިދާޅުވަމުން އެކަލޭގެފާނުގެ ޢާއިލާ ގޭތެރެއަށް ގެންދެވިއެވެ. އެކަލޭގެފާނު ޙައިރާންފުޅުވީ އެބޭފުޅުންނަށް މަދީނާއަށް ވަޑައިގެންނެވުނު ގޮތަކާމެދުގައެވެ.أبو سلمة رضى اللّـه عنهއެކަލޭގެފާނުގެ ލޯބިފުޅުވާ އަނބިކަނބަލުންގެ އަރިހުން ހުރިހާ ޚަބަރުތަކެއް އޮޅުންފިލުއްވިއެވެ.أمّ سلمةނުހަނު ތަފްޞީލުކޮށް ހުރިހާ ވާހަކަތަކެއް އޮޅުންފިލުއްވައިދެއްވިއެވެ. ޚާއްޞަކޮށް އެ އުނދަގޫ ދަތުރު އެކަމަނާއަށް ފަސޭހަކޮށްދެއްވައި، ޙިމާޔަތާއި ރައްކާތެރިކަން ދެއްވިأبو سلمةގެ އެކުވެރިޔާعثمان بن طلحتގެ މަތިވެރި އެހީފުޅާއި މުރުއްވަތްތެރިކަމުގެ ވާހަކަ، ތަޢުރީފާއެކު ވިދާޅުވެދެއްވިއެވެ. ވަކިވަކިވެފައިވާ އެ ޢާއިލާއަށް އެއްތަންވެވަޑައިގެންނެވުމުން އެ ގެކޮޅު ސުވަރުގޭގެ ނަމޫނާއަކަށް ބަދަލުވިއެވެ.السّيّدة أمّ سلمة رضى اللّـه عنهاބޭފުޅުންގެ ތަރްބިޔަތާއި ގޭގެ މަސްއޫލިއްޔަތާ މަޝްޣޫލުވެވަޑައިގެންނެވިއެވެ. އަނެއްކޮޅުންأبو سلمة رضى اللّـه عنهދުވާލު ހަތަރުދަމު އަވަދިނެތި އުޅުއްވަމުން ގެންދެވީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ޢާއިލާއަށް މެހްމާންދާރީ އަދާކުރައްވަމުން ގެންދެވި އަންޞާރީ އަޚުންގެ މަޢީޝީ މަސައްކަތްޕުޅެއްކަމުގައިވާ ދަނޑުވެރިކަމުގެ މަސައްކަތުގައި އެހީތެރިވެވަޑައިގެން ދެއްވުމުގައެވެ. އަތްބާރު އަޅުއްވައިދެއްވުމުގައެވެ.

މާގިނަދުވަސްތަކެއްނުވެ އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمމަދީނާއަށް ފައިންޕުޅު ބީއްސަވައިފިއެވެ. އަންޞާރުންނާއި މުހާޖިރުން އަޚްކޮށްދެއްވައި އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިގެންނެވިއެވެ.أبو سلمة عبداللّـه بن عبد الأسد رضى اللّـه عنهގެ އިސްލާމީ އަޚެއްކަމުގައި ހަމަޖައްސަވައިދެއްވީ އަންޞާރުންގެ ބޮޑުންގެ ތެރެއިން ދަރަޖަމަތިވެރި ބޭކަލެއްކަމުގައިވާأبو حيثمةرضى اللّـه عنهއެވެ.

أمّ سلمةގެ ފިރިކަލުން ޖިހާދުގެ މައިދާނުގައި

އިސްލާމީ އުންމަތުގެ ތާރީޚުގައި ހިޖްރައިގެ ބާބަށްފަހު ދެން ލިޔެވޭނެ ބާބަކީ ޖިހާދުގެ ބާބުކަމީ މުސްލިމުންގެ ޒަޢީމުން ފުރިހަމަޔަށް ދެނެވަޑައިގެން ތިއްބެވިކަމެކެވެ. މުސްލިމުންނަށް މަދީނާގައި ރަނގަޅަށް ފައިތިލަ ސާބިތު ނުކުރެވެނީސް މައްކާގެ މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ފާޅުގައި ހަނގުރާމަ އިޢުލާންކޮށްފިއެވެ. ނަތީޖާއެއްގެގޮތުން އަރަހުށި މާތްاللّـهމުސްލިމުންނަށްވެސް ހަތިޔާރުގައި ހިފުމުގެ އިޒުނަ ދެއްވިއެވެ. މުސްލިމުންނާ ހަނގުރާމަކުރާ މީހުންނާ ހަނގުރާމަކުރަން އަމުރުކުރެއްވިއެވެ. އިސްލާމީ ތާރީޚުގެ މިމުހިންމު ބާބު ހުޅުވައިލެވުނުގޮތް ބައްލަވަން ބޭނުންފުޅު ބޭފުޅުން ދިރާސާކުރައްވާ ފޮތްތަކުގެ ތެރޭގައި، އަޅުގަނޑު ލިޔެފައިވާ (މިހާރު ޝާއިޢުކުރުމުގެ މަގުމަތީގައިވާ) ފޮތެއްކަމުގައި "ބަދުރުގެ މައިދާނުން ހަނގުރާމައާއި ޝަހީދުން" މިފޮތްވެސް ބައްލަވައިލެއްވުން އެދެމެވެ.

أبو سلمة رضى اللّـه عنهއަކީ ޞަޙާބީންގެ ތެރެއިން އިދާރީ ހިންގެވުމާއި، ޢަސްކަރީ ވިސްނުންފުޅާއި، ހެވިކަމުގެ ހުނަރުވެރިކަމުގައި އެންމެ ޤާބިލު ބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. އެހެންކަމުން އިސްލާމީ ދައުލަތުގެ އިދާރީ ހިންގެވުމާއި، ސިޔާސީ ރޭއްވެވުމާއި، ޢަސްކަރީ މަޝްރޫޢުތަކުގައި ފުރިހަމައަށް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. މިގޮތުން ކައުސާހިބާ މަދީނާއިން ބޭރަށް ވަޑައިގެންނެވުމުން މަދީނާގައި އިތުރު ސާހިބާގެ ނާއިބެއްގެ ޙައިޘިއްޔަތުން ޚިދްމަތްކުރައްވައިފައިވެއެވެ. އިތުރު ސާހިބާ ޛިލްޢުޝައިރާ ހަނގުރާމައަށް ނިކުމެވަޑައިގަންނަވަމުންأبو سلمة رضى اللّـه عنهއާ މަދީނާގެ ވެރިކަން ޙަވާލުކުރެއްވިކަމުގައި މުއައްރިޚުން ލިޔުއްވައިފައިވެއެވެ.

ޙައްޤާއި ބާޠިލާ ދެމެދު ހިނގި އެންމެ ފުރަތަމަ މައުރިކާގައި ބަދުރުގެ މައިދާނުގައި މުޝްރިކުންގެ ހައިބަވަންތަ ލަޝްކަރާ ބައްދަލުކުރެއްވި ތިންސަތޭކަތޭރަ އަބްޠާލުންގެ ޖަމާޢަތުގައިأبو سلمة رضى اللّـه عنهހިމެނިވަޑައިގެންނެވިއެވެ.ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ޚިދުމަތާއި، އިޚްލާޞްތެރިކަމުގެ އެންމެ ޚާއްޞަ މިންގަނޑެވެ. ފިދާވުމުގެ އެންމެމަތީ ދަރަޖައެވެ. އެހަނގުރާމައިގެ ބައިވެރީންނަށް މާތްاللّـهވަނީ އަބަދަށްޓަކައި ޢަފޫކުރައްވައިފައެވެ. މުސްލިމުންގެ ތެރެއިން އެންމެ ދަރަޖަމަތިވެރި ބަޔަކީ ބަދުރީ ޞަޙާބީންނެވެ.

ހިޖްރައިން ތިންވަނަ އަހަރު އުޙުދު ހަނގުރާމައިގައިވެސްأبو سلمة رضى اللّـه عنهބައިވެރިވެވަޑައިގެންނެވިއެވެ. ނުހަނު ހިތްވަރުފުޅާއި ކުޅަދާނަފުޅު ކަމާއެކު ހަނގުރާމަ ކުރެއްވިއެވެ. މައްކާގެ މުޝްރިކުންގެ ތެރެއިން އަބޫއުސާމާޖަޝްމީ ފާރަލައިގެންހުރެ ދަނޑިވަޅުބަލައިފައި އެކަލޭގެފާނުގެ މުލައްދަނޑިފުޅަށް ތީރެއް ވައްދައިލިއެވެ. އެތީރަކީ ވިހަލައިފައިއޮތް ތީރެކެވެ. އެތީރުން އެކަލޭގެފާނު ވަރަށްބޮޑަށް ޒަޚަމްވެވަޑައިގެންނެވިއެވެ. މަހެއްހައިދުވަހު ފަރުވާކުރެއްވިފަހުން އެޒަޚަމް ބޭރުފުށުން ފަސޭހަވީއެވެ. ނަމަވެސް އެކަލޭގެފާނުގެ ހަށިކޮޅުތެރޭގައި ޒަހަރުގެ އަސަރު ހިނގަމުންދިޔައެވެ.

ހިޖްރައިން ތިންވަނަ އަހަރުގެ ފަހުކޮޅުأسد بن خزيمةވަންހައިގެ ވެރިޔާطلحةއާއި،سلمة(ބައެއް ރިވާޔަތްތަކުގައިވާގޮތުންأسد بن خويلد) އޭނާގެ ޤަބީލާގެ މީހުން އެއްކޮށްގެން މަދީނާއަށް ޙަމަލަދޭން ތައްޔާރުކުރިއެވެ. އެބައިމީހުން ދިރިއުޅުނީ ޖަބަލު ޤުޠުނުގެ ކައިރީގައެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަށް އެޚަބަރު ލިބިވަޑައިގަތުމުން މުސްލިމުންނަށް މާބޮޑު ނުރައްކަލަކަށް ނުވަނީސް އެބައިމީހުން އާރާއިބާރު ކަނޑުއްވައިލެއްވުމަށް ޢައްޔަންކުރެއްވި ޖަނަރަލަކީأبو سلمة رضى اللّـه عنهއެވެ. އެލަޝްކަރުގެ ދިދަأبو سلمةއަށް ދެއްވީ އެ ލަޝްކަރުގައިأبو عبيدة بن الجرّاح رضى اللّـه عنهއާއި،سعد بن أبى وقاص رضى اللّـه عنهފަދަ ތަޖްރިބާކާރު ޖަނަރަލުންވެސް ތިއްބަވަނިކޮށެވެ.

މިހަނގުރާމަޔަކީ އެހަނގުރާމައެއް ކާމިޔާބުކުރުން މުސްލިމުންނަށް އިންތިހާދަރަޖައިގެ މުހިންމު ހަނގުރާމައެކެވެ. އޭގެ އެންމެ މުހިންމު އެއްސަބަބަކީ، ޢުހުދު ހަނގުރާމައިގެ ސަބަބުން ޢަރަބި ޤަބީލާތަކުގެ ހިތްތަކުގައި މުސްލިމުންނާމެދު އުފެދިފައިއޮތް ޖެހިލުންކުޑަކަން ނިމުމަކަށް ގެންނެވުމެވެ. މުސްލިމުންގެ އާރާއި ބާރު ޢަރަބީންނަށް އަލުން ދައްކައިލައްވައި މުސްލިމުންގެ ޝާނާއި ޝައުކަތު އަލުން ޤާއިމްކުރެއްވުމެވެ.

ކައުސާހިބާصلّى اللّـه عليه وسلّم،أبو سلمة رضى اللّـه عنهއަށް ސަތޭކަފަންސާސް ސަވާރުން ދެއްވައިފައި އަމުރުކުރެއްވިއެވެ. ހަމަމިހާރު އެބައިމީހުން ދިރިއުޅޭ ސަރަޙައްދަށް ވަޑައިގަންނަވާށެވެ.أسدވަންހައިގެ މީހުންގެ ބާރު މާގަދަނުވަނީސް އެބައިމީހުން ވިއްސިވިހާލިކޮށްލައްވާށެވެ. އެބައިމީހުންގެ ސަރަޙައްދަށް ވަޑައިގެން އެބައިމީހުންނަށް މުސްލިމުންނާ ޙަމަލަދިނުމުގެ ފުރުޞަތު ނުދެއްވައި އެއުރެން ވިއްސިވިހާލިކޮށްލައްވާށެވެ.

أبو سلمة رضى اللّـه عنهވަރަށް ފަރުވާތެރިކަމާއެކު އަވަސް ދަތުރުފުޅެއް ކުރެއްވިއެވެ.أسدވަންހައިގެ މީހުން ދިރިއުޅޭ ސަރަޙައްދަށް އެކަލޭގެފާނަށް ވަޑައިގެންނެވުނީ ހިޖުރައިން ހަތަރުވަނަ އަހަރުގެ މުޙައްރަމްމަހުގެ އެއްވަނަ ދުވަހުއެވެ.أبو سلمة رضى اللّـه عنهއެކަލޭގެފާނުގެ ތޫނު ކަނޑިކޮޅުގެ ފަންވަރު،أسدވަންހައިގެ މީހުންނަށް ދެއްކެވިއެވެ. މުސްލިމުންގެ ކޮންމެ މުޖާހިދަކުވެސް އެ މަޢުރިކާގައި ހަނގުރާމަކުރެއްވީ އިސްތަށިފުޅުގައި ކަފުންކޮޅު ބަންނަވައިގެންނެވެ. ފުރާނަފުޅު އަތްތިލަފުޅަށް ލައްވައިގެންނެވެ. ވަރަށް އަވަހަށް ދުޝްމަނުން ބަލިކޮށްލައްވައި ވިއްސިވިހާލިކޮށްލެއްވިއެވެ. އެއަށްފަހުأبو سلمةއެކަލޭގެފާނުގެ ލަޝްކަރު ތިންބައިކޮށްލައްވައިފައި ތިންދިމާއިން ދުޝްމަނުން ފަހައި ފޮނުއްވިއެވެ. މުޖާހިދުންبنوأسدގެ އާރާއިބާރު ކަފާސްކޮށްލައްވައި ވަރަށްގިނަ ޢަދަދެއްގެ ގެރިބަކަރި ޖަމަލު ޣަނީމާ ކުރެއްވިއެވެ. މިހަނގުރާމައިގައިأبو سلمةހަނގުރާމަކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ އަތްޕުޅުގައިވާ ނުރައްކާތެރި ޒަޚަމުގެ ޅަ ލަކުނަށް ކުޑަކޮށްވެސް ބައްލަވައިލެއްވުމެއް ނެތިއެވެ.

أبو سلمة رضى اللّـه عنهއޮނަތިރީސް ދުވަހުގެ ތެރޭގައި އެކަލޭގެފާނުގެ މަސައްކަތްޕުޅު ފުރިހަމަޔަށް ނިންމަވައިލައްވައިފައި މަދީނާއަށް އެނބުރިވަޑައިގެންނެވިއެވެ. ފަތަޙައާއި ނަޞްރާއި، ގިނަގުނަ ޣަނީމާތަކެއް ހޯއްދަވައިގެންނެވެ. އެކަލޭގެފާނާ ޙަވާލުކުރެއްވި މަސައްކަތްޕުޅު ފުރިހަމަކުރެއްވިލެއް ރަނގަޅުކަމުން އިތުރު ސާހިބާ ވަރަށް އުފާކުރެއްވިއެވެ.أبو سلمة رضى اللّـه عنهއަށާއި އެކަލޭގެފާނުގެ އަރިހުގައި ވަޑައިގެންނެވި މުޖާހިދުންނަށް ހެޔޮދުޢާ ކުރެއްވިއެވެ. އިސްލާމީ ތާރީޚުގައި އެހަނގުރާމަ މަޝްހޫރުވެފައިވަނީسرية قطنނުވަތަسريةأبو سلمةގެ ނަމުންނެވެ.

أمّ سلمة رضى اللّـه عنهاހުވަފަތްވެވަޑައިގަތުން

أبو سلمة رضى اللّـه عنهމިހަނގުރާމައިން ނަޞްރާއި ކާމިޔާބީ ހޯއްދަވައިގެން ގެއަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައިހުރި ޒަޚަމުގެ ލަކުނު ހުރީ ފަޅައިގެންގޮސް އަލުން ރޯވެފައެވެ. ހަށިކޮޅުންވަނީ ފެންދެމިފައެވެ. ވަރުފުޅު ދެރަވެފައެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންالسّيّدة أمّ سلمة بنت أبى أميّة رضى اللّـه عنهاއަށް ލޮބުވެތި ފިރިކަލުން ފެނިވަޑައިގަތުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. ނަމަވެސް ހިތްވަރުފުޅު ގަދަކުރައްވައި އެންމެފުރަތަމަ ފިރިކަލުން ހޯއްދެވި ފަތަޙައާއި ކާމިޔާބީއާމެދު އުފާފާޅުކުރައްވައި ތަހްނިޔާ ވިދާޅުވިއެވެ. ހަމައެއާއެކު ނުހަނު ފަރުވާތެރިކަމާއި އޯގާވެރިކަމާއެކު ފިރިކަލުންނަށް ހޭހަންކުރައްވާން ފެއްޓެވިއެވެ. އެކަމުގައި ރޭދުވާ އެއްކޮށްލެއްވިއެވެ. ނުފުރޮޅުއްވާ އެންމެ ގާކޮޅެއްވެސް ދޫކޮށެއް ނުލައްވައެވެ. ނަމަވެސް ދުވަހެއް ދުވަހަކަށްأبو سلمةގެ އާލާސްކަންފުޅުދިޔައީ ބޮޑުވަމުންނެވެ. އެކަލޭގެފާނުގެ މުލައްދަނޑިފުޅުގައިހުރި ޒަޚަމުގައި ހިމެނޭ ވިހައިގެ އަސަރު މުޅިހަށިކޮޅަށް ދިޔައީ ފެތުރެމުންނެވެ. ކުރައްވާ ބޭސްފަރުވާގެ އެއްވެސް އަސަރެއް ނުފެނެއެވެ.

އެދުވަސްވަރު އެއްދުވަހަކު ކުއްލިޔަކަށްالسّيّدة أمّ سلمة بنت أبى أميّة رضى اللّـه عنهاގެ ހަނދުމަފުޅަށްއައީ ތަންކޮޅެއްކުރީން އެއްދުވަހަކު އެދެމަފިރިކަނބަލުންގެ މެދުގައި ދެކެވިފައިއޮތް ވާހަކަފުޅެވެ.

علاّمة إبن سعد، طبحاتގައި ރިވާޔަތެއް ގެންނަވައިފައިވެއެވެ.أبو سلمة رضى اللّـه عنهގެ ޙަޔާތްޕުޅުގައި އެއްދުވަހަކުالسّيّدة أمّ سلمة رضى اللّـه عنهاއެކަލޭގެފާނުގެ އަރިހުގައި ވިދާޅުވިއެވެ.

"އަޅުގަނޑު އަޑުއަހައިފައިވާގޮތުގައި، އަންހެނަކު ދުނިޔޭގައި އިންދައި އޭނާގެ ފިރިމީހާ މަރުވުމުން، އެ އަންހެނާ ދެވަނަ ކާވެންޏެއް ނުކޮށްފިނަމަ އަރަހުށި މާތްاللّـهއެދެމީހުން ސުވަރުގޭގައި އެއްތަންކޮށްދެއްވާނެއެވެ. ހަމައެފަދައިން ފިރިހެނަކު ދުނިޔޭގައި ހުއްޓައި އޭނާގެ އަނބިމީހާ މަރުވުމުން، އެފިރިހެނަކު ދެވަނަ ކާވެންޏެއް ނުކޮށްފިނަމަ، އަރަހުށި މާތްاللّـهއެދެމީހުންވެސް ސުވަރުގޭގައި ބައްދަލުކޮށްދެއްވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ދެމީހުންކުރެ އެކަކު ކުރީގައި މަރުވެއްޖެނަމަ، އަނެކަކު މީހަކާ ނުއިންނަން ވަޢުދުވަމާ ހިންގަވާށެވެ."

أبو سلمةވިދާޅުވިއެވެ. "ކަމަނާ އަޅުގަނޑުގެ ބަސް ޤަބޫލުކުރައްވާނުތޯއެވެ؟"

أمّ سلمةވިދާޅުވިއެވެ."ނުކުރާންވީ ކީއްވެތޯއެވެ؟"

(ނުނިމޭ)