27 Apr 2011, 11:57
ލަންޑަން : އަލްޤާޢިދާގެ ވެރިޔާ އުސާމާ ބިންލާދިން އަވަހާރަ ކޮށްލުމަށް އަފްޣާނިސްތާނުގެ ތޯރާބޯރާގައި 2002 ވަނަ އަހަރު އެމެރިކާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަނުން އޭނާ ސަލާމަތްވީ ވަރަށް ހަނިގޮތަކަށް ކަމަށް ވިކިލީކްސް އިން ލީކުކޮށްލި އެމެރިކާގެ ސިއްރު ލިޔުންތަކެއް ބުނެފިއެވެ.
މިލިޔުންތައް ބުނާގޮތުން، ސެޕްޓެމްބަރ 11 ގައިގާ އެމެރިކާއަށް ދިން ޙަމަލާތަކަށްފަހު އެޙަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އަފްޣާނިސްތާނަށް އަރައިގަތުމާއި ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާ ހިންގަންފެށި ހަރުކަށި އޮޕަރޭޝަންތަކުގެ ސަބަބުން ބިންލާދިންއާއި އައިމަނުއްޒަވާހިރީފަދަ އަލްޤާޢިދާގެ އިސްލީޑަރުންނަށް ބޮޑެތި އުނދަގޫތަކަކާއި ފިއްތުންތަކެއް ކުރިމަތިވެގެންދިޔައެވެ.
މިގޮތުން އެމެރިކާގެ ޢަސްކަރީ އުނދަގޫތައް ބޮޑުވުމުން އަނބިދަރިންނާވެސް ވަކިވެ އެމެރިކާއަށް ފިލުމަށްޓަކައި އަފްޣާނިސްތާނުގެ އެތަންމިތަނަށް ބިންލާދިންއާއި އަލްޤާޢިދާގެ އިސްވެރިން އެތަށް މަހެއްވަންދެން ދަތުރުކުރަމުންގެންދެވި ކަމަށާއި ތޯރާބޯރާއަކީވެސް މިގޮތަށް އެބޭފުޅުން ފިއްލަވަންކުރި ދަތުރުގައި މަޑުކުރެއްވި ތަނެއްކަމަށް މިލިޔުންތައް ބުނެއެވެ.
މިލިޔުންތަކުގައި، ތޯރާބޯރާގައި ބިންލާދިން ހުންނެވިކަން އެނގިގެން އޭނާ އަވަހާރަކޮށްލުމަށް އެމެިރިކާ ހިންގި އޮޕަރޭޝަން ނާކާމިޔާބުވި މައިގަނޑު ސަބަބު ހާމަކޮށްފައެއްނުވެއެވެ. ސެޕްޓެމްބަރ 11 ގެ ޙަމަލާތަކާ ގުޅިގެން ބިންލާދިން ހޯދުމަށާއި އޭނާ އަވަހާރަކޮށްލުމަށް އެމެރިކާ ހިންގި އާދަޔާ ޚިލާފު އަދި އިންތިހާއަށް އަގުބޮޑު ޢަސްކަރީ އޮޕަރޭޝަންތައްވަނީ ފަނަފުލުންގޮސްފައެވެ.
މިކަމުގެސަބަބުން އެމެރިކާގެ ފަންނީ، ޢަސްކަރީ އަދި ޖާސޫސީ ޤާބިލްކަމާމެދުވެސް އެތަކެއް ސުވާލެއް އުފެދިގެންދިޔައެވެ.
ބިންލާދިންގެ އިތުރުން އަލްޤާއިދާގެ އިސްވެރިއަކަށް ކަމެއް ނުކުރެވުމުގެ އިތުރުން ތާލިބާނުންގެ އިސްވެރިއަކަށްވެސް އެމެރިކާއަށް ކުރެވުނު ކަމެއްނެތެވެ. އަދި ތާލިބާނުންވެސް ބަލިނުކުރެވި އެންމެފަހުން އެމެރިކާގެ އިޤްތިސާދުވެސް އިނދަޖެހޭގޮތްވުމުން ޓެރަރިޒަމާ އިދިކޮޅު ނަމުގައި ފެށި ހަނގުރާމަ ނާކާމިޔާބުވެ އެމެރިކާމިހާރު ގެންދަނީ އަފްޣާނިސްތާނުން ބޭފުމަށް ތައްޔާރުވަމުންނެވެ. (ނޫސްއެޖެންސީތައް)