ގާހިރާ (މާޗް 14) : މިސްރުގެ ޖަސްޓިސް މިނިސްޓަރު އަހްމަދުއްޒިންދް ކީރިތި ރަސޫލާ (ސލޢމ) އަށް އިހާނާތްތެރިވާ ފަދަ ބަހެއް ވިދާޅުވުމާ ގުޅިގެން އޭނާ މަގާމުން ވަކިކޮށްފި އެވެ.

މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއީލް ވިދާޅުވީ މިސްރުގެ ކެބިނެޓްގެ މަޝްވަރައާ އެކު އަހްމަދުއްޒިންދް ޖަސްޓިސް މިނިސްޓަރު ކަމުން ދުރުކުރުމުގެ ނިންމުމެއް ނިންމައި އޭނާ މަގާމުން ވަކިކޮށްފައިވާނެ ކަމުގަ އެވެ. އެމައްސަލާގައި މިސްރުގެ ގާނޫނީ ވަކީލުންގެ ނާދީން ނެރުނު ބަޔާނެއްގައި ޖަސްޓިސް މިނިސްޓަރު ކަމުގެ މަގާމުން އަހްމަދުއްޒިންދް ވަކިނުކުރުމަށް އެދިފައިވެ އެވެ. އަޙްމަދުއްޒިންދަކީ ގާނޫނީ ގޮތުން ވަރަށް ފުންނާބުއުސް ޝަޚްސިއްޔަތެކެވެ. ޒިންދުގެ ވަޒީރުކަމުގައި ފައްޓަވާފައިވާ މިސްރުގެ ޝަރުޢީ ނިޒާމު އިސްލާޙް ކުރުމުގެ މަސައްކަތް، އޭނާ މަގާމުން ވަކިކޮށްފި ނަމަ ކުރިޔަށްނުގެންދެވޭނެ ކަމަށްބުނެ އެމަގާމުގައި ޒިންދު ބެހެއްޓުމަށް 13،000 ގާނޫނީ ވަކީލުން ހިމެނޭ މިސްރުގެ ގާނޫނީ ވަކީލުންގެ ނާދީން ނެރުނު ބަޔާނެއްގައި ސަރުކާރަށް ގޮވާލާފައިވެ އެވެ.

މިސްރުގެ ޓީވީ ސްޓޭޝަނަކަށް ދެއްވި ބަޔާނެއްގައި އަހްމަދުއްޒިންދް ވިދާޅުވީ ގާނޫނާ ޚިލާފުވާ ކޮންމެ ފަރާތަކާ މެދު ވެސް އަޅަންވާ ފިޔަވަޅެއް ކަމަށާއި އެއީ މާތްވެގެންވާ ނަބިއްޔާ މުހައްމަދު (ސލޢމ) ކަމަށް ވިޔަސް ވަރިހަމަ ކަމުގަ އެވެ. މި މައްސަލާގައި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއްވެސް ހާލެއްގައި ކީރިތި ރަސޫލާ (ސލޢމ)ގެ ޝަޚްސިއްޔަތަށް އުނިކަމެއް އަންނަ ފަދަ ވާހަކައެއް ދެއްކުން ގަބޫލުނުކުރެވޭނެ ކަމުގައި ބުނެފަ އެވެ. (މިސްރުގެ މީޑިއާ)