ތުރުކީގެ ވެރިކަން ކުރާ އަންކަރާގައި ރޭ ބޮމެއް ގޮއްވާލައި، 27 މީހަކު މަރާލައިފިއެވެ.

އަންކަރާގެ ކާރުބާރު ބޮޑު ސަރަހައްދެއްގައި ބޮމެއް ގޮއްވާލައި ދެވުނު މި ހަމަލާއާ ބެހޭ ރަސްމީ އެއްވެސް ބަހެއް އަންކަރާގެ ގޮރުނުދޯރު އޮފީހުން ހާމަ ކޮށްފައި ނުވި ނަމަވެސް، ސީއެންއެން ރިޕޯޓު ކުރާ ގޮތުގައި 27 މީހުން މަރުވުމުގެ އިތުރުން، 70 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފަ އެވެ.

ތުރުކީގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި، ބޮން ގޮއްވާލުމާއި އެކު އެސަރަހައްދު ވަނީ ތުރުކީގެ ސަލާމަތީ ބާރުތަކުގެ އަތްދަށަށް ގެނެސްފަ އެވެ. ތުރުކީގެ މީޑިއާއިން ބުނަނީ، ބޮން ގޮއްވާލާފައި ވަނީ އަންކަރާގައި ގިނަ އަދަދެއްގެ ބަސް ސްޓޮޕްތަކަކާއި ރޭލްވޭ ސްޓޭޝަނެއް ހުންނަ، ދަތުރުފަތުރުގެ ނާރެހެއްގައި ކަމަށެވެ.

އަންކަރާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމުގެ ޖާސޫސީ މައުލޫމާތު އެމެރިކާއަށް ލިބި، އެގައުމުން ވަނީ މިދިޔަ ހަފްތާގައި ތުރުކީގެ ސަރުކާރާއި އެކަން ހިއްސާ ކޮށްފަ އެވެ.

ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އަންކަރާގައި ވަނީ ބޮމުގެ ހަމަލާއެއް ދީފަ އެވެ. އަސްކަރީ އުޅަނދަކަށް އަމާޒުކޮށް އެފަހަރު ދެވުނު ހަމަލާގައި 28 މީހަކު ވަނީ މަރުވެފަ އެވެ.

މަސްދަރު: ސީއެންއެން