14 Mar 2016, 09:04
ޑިމޮކްރަސީގައި އޮންނަނީ ތިން ބާރެވެ. ގައިމުވެސް ދައުލަތުގެ ބައިތުލް މާލުން ހަރަދު ކުރަނީ ތިން ބާރަށެވެ. އެކަމަކު ކަމެއް ކަހަލަ ކަމެއް ޖެހޭ އިރަށް ހަތަރު ވަނަ ބާރެއްގެ ވާހަކަ އާދެއެވެ. އެއީ މީޑިއާ އެވެ.
ހަތަރުވަނަ ބާރަކީ މީޑިއާ ކަމަށް ބުނަމުން އަންނަ ބުނުން މީޑިއާތަކުން އައީ ހަގީގަތަކަށް ހަދަމުންނެވެ. ހޯދުމާއި ހާމަކުރުމުގެ ތެރެއިންނެވެ. ނަމަވެސް ކަރަޕްޝަނާއި ފަސާދައަކީ އެގޮތުން ހުއްޓުވޭނެ ކަމެއް ނޫނެވެ. ހަމަ އެކަނި ހޯދުމާއި ހާމަކުރުމަކުން އެކަމެއް ނުހުއްޓޭނެ އެވެ. ހޯދައި ހާމަ ކުރުމުން ފިޔަވަޅު އަޅަން ޖެހެ އެވެ. އެކަން މަތިކޮށްފައި އޮންނަނީ އެކި އެކި މުއައްސާތަކަށެވެ. ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި މިނިވަން މުއައްސާތަކަށެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އަކީ އެފަދަ އެއް މުއައްސަސާއެވެ. އެއީ ރަނގަޅަށް ދަތް ފަޅާފައިވާ ބާރު ގަދަ މުއައްސަސާއަކަށް ވާން ޖެހެ އެވެ.
ނަމަވެސް އެތަނުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު ތަކަށް ބެލުމުން ފެންނަނީ އެހެން މަންޒަރެކެވެ. ދައުލަތުން ބޮޑު ހޭދައެއް ކުރާ އެ މުއައްސަސާ އިން އަމިއްލައަށް އިސްނަގައިގެން ކޮށްފައިވާ މަސައްކަތްތައް މަދެވެ.
އޭސީސީން މިދިޔަ 2015 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ރިޕޯޓް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. އެރިޕޯޓުގައިވާ ގޮތުން އޭސީސީން އިސް ނަގައިގެން ބެލި މައްސަލަތައް މާމަދެވެ. އެކޮމިޝަނުން މިދިޔަ އަހަރު ބަލަން ފެށި 766 މައްސަލައިގެ ތެރެއިން 700 މައްސަލަ އަކީ ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބެލި މައްސަލަތަކެވެ. ކޮމިޝަނުން އިސް ނަގައިގެން ބަލަން ފަށާފައި ވަނީ އެންމެ 66 މައްސަލައެވެ.
"އޭސީސީން އިސްނަގައިގެން ބަލާ މައްސަލަތައް މިބެލެނީ މީޑިއާގެ ޒަރިއްޔާ އިން އޭސީސީ އަށް ލިބޭ މައުލޫމާތުތަކާ އަދި ކޮމިޝަނަށް އެހެނިހެން ގޮތް ގޮތުން ލިބޭ މައުލޫމާތު. އަދި އޭގެ އިތުރުން އިސްނަގައިގެން ބެލޭ މައްސަލަތައް ވަރަށް ބޮޑަށް ޑިޕެންޑް އެބަވޭ ދައުލަތުގެ އެކި އިދާރާތަކުން ނެރޭ އެކި އެކި ރިޕޯޓްތަކުގައި ހުންނަ ކަންތައްތަކަށް. މީގެ ތެރޭގައި ހާއްސަކޮށް އޮޑިޓާ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓްތަކުގައި ހުންނަ ކަންތައްތައް،" އޭސީސީން އިސްނަގައިގެން ބަލާ މައްސަލަތައް މަދީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިއްޔެގެ ރަސްމިއްޔާތުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާއިތުވި އަހަރު އޭސީސީން އިސްނަގައިގެން ބެލި މައްސަލަތައް މަދުވި އެއް ސަބަބަކީ އޮޑިޓް ރިޕޯޓްތައް މަދުވުން ކަމަށެވެ. އަދި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ކޮރަޕްޝަނުގެ މައްސަލަތަކާ ބެހޭ މައުލޫމާތު މީޑިއާގެ ޒަރިއްޔާ އިން ލިބުނު ވަރު މަދުވުމެވެ.
އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުން ދޭހަވީ އެއްކަމަކީ އޭސީސީން މީޑިއާއަށާއި އޮޑިޓް ރިޕޯޓްތަކަށް ބަރޯސާ ކުރަނީ ހަމަ އެކަނި މައްސަލައެއް ބަލަން ފެށުމަށް ނޫން ކަމެވެ. އެއާ ހިލާފަށް އެކޮމިޝަނުން މައްސަލަތަކުގެ ތަހުގީގެ ދާއިރާ ވެސް އޮންނަނީ އެފަދަ ރިޕޯޓްތަކުގައިވާހާ ހަނިކޮށް ކަމެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުގެ ބޮޑު ހިޔާނާތުގެ މައްސަލައަކީ އެފަދަ މައްސަލައެކެވެ. އެ ކޯޕަރޭޝަނުގެ ހިޔާނާތުގެ މައްސަލައެއް 2014 ވަނަ އަހަރު ކޮމިޝަނަށް ހުށަހެޅި އެވެ. އަދި އެ މައްސަލަ ދިޔައީ ބަލަމުން ވެސް މެ އެވެ. ނަމަވެސް އެ މައްސަލަ ބަލަމުން ދަނިކޮށް، އެކޯޕަރޭޝަނުން 1.22 ބިލިޔަން ރުފިޔާއަށް ބަޔަކު ހިޔާނާތްތެރި ވެފައިވާކަން މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުން އެވަނީ ހާމަވެފަ އެވެ. އެކަން އެހެންވީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އޭސީސީގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމުން ލަސްވާ އެއް ސަބަބަކީ މީޑިއާގައި ފަހުން އާއްމުވާ މައުލޫމާތުތަކާ ގުޅިގެން ވެސް އިތުރު ތަހުގީގު ކުރަން ޖެހުން ކަމަށެވެ.
"އަނެއްކާ މީޑިއާތަކުގައި އާއްމުވާ މައުލޫމާތާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ބެލުންތައް ބަލަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ތަހުގީގު ފުރިހަމަ ކުރެވޭނީ އެހުރިހާ ދިމާލަކަށް ފޯކަސްކޮށްގެން ތަހުގީގު ކުރެވުނީމާ. ތިޔަބޭފުޅުންނަށް ފާހަގަ ކުރެވޭނެ މިދިޔަ ހަފުތާ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ދެކެވުނު ވާހަކަތައް. އަޅުގަނޑަށް ހީވަނީ ހަމަ އެއީ ވެސް އެމްއެމްޕީއާރްސީގެ ތަހުގީގާ ގުޅުން ހުރި ވާހަކަތަކެއްހެން. އެހެންވީމާ އެކަންކަމުގެ ހަގީގަތް އަޅުގަނޑުމެން ހޯދަން ޖެހޭނެ ބަލަން ޖެހޭނެ. އެހެންވީމާ ތަހުގީގު ލަސްވަނީ،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުންނާ އިއްޔެގައި ނޫސްވެރިން ކުރިމަތި ކުރި އަނެއް ސުވާލަކީ 2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ހަރަދުކުރަން ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ފައިސާ ދެއްވި ކަމަށް ރައީސް ވިދާޅުވެފައިވާ އިރު އެކަން ނުބަލަނީ ކީއްވެތޯ ކުރި ސުވާލެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ލުތުފީ ވިދާޅުވީ ރައީސަށް އެފައިސާ ވިޔަފާރިވެރިން ދިނީ ރިޝްވަތުގެ ގޮތުގައިކަން ނުވަތަ ނޫންކަން އެވާހަކަފުޅުން ނޭނގޭ ކަމަށެވެ. އެހެންވީމާ އެކަން ތަހުގީގު ކުރަންވީ ކޮން ކުށަކާ ގުޅުވައިގެން ކަން އެނގިވަޑައި ނުގަންވާ ކަމަށް ވެސް ވިދާޅުވި އެވެ. ދެން ވިދާޅުވީ އެއީ ރިޝްވަތުގެ ގޮތުގައި ދިން ފައިސާތޯ މީޑިއާތަކުން ބަލައި ތިލަކޮށް ދެއްވަންވީ ކަމަށެވެ.
"އަޅުގަނޑުމެން ކޮން ކުށަކާތޯ އޭތި ގުޅުވާނީ؟ މީޑިއާތަކުގެ ވެސް ޒިންމާއެއް އެބަ އޮތް. މީޑިއާތަކުން ހަމަ ތިލަކޮށްދެއްވަންވީ އަޅުގަނޑުމެންނަށް،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ރައީސާއި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުން ވެސް ވަރަށް ބޮޑަށް ދޭހަވީ އެކޮމިޝަނުން މައްސަލަތައް ބެލުމަށް އިސްނެގުމުގައި މީޑިއާތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ކަމެވެ. އަދި އެފަދަ ކަންތައްތައް ތިލަކޮށް، މައްސަލަ ބަލަން ފަސޭހަ ކޮށްދިނުމަކީ މީޑިއާތަކުގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމެވެ.
ދެން އުފެދޭ ސުވާލަކީ ދައުލަތުން ބޮޑު ހޭދައެއްކޮށް، ބޮޑު މުސާރައެއްދީ މެމްބަރުން ލާފައިވާ އެކޮމިޝަނަށް ވުރެ، މީހުންގެ އަމިއްލަ ފައިސާ އިން ހިންގާ މީޑިއާތަކުގެ ޒިންމާ އެކަމުގައި ބޮޑީތޯ އުފެދޭ ސުވާލެވެ. ގައިމުވެސް އެހެން އެކަމެއް ނުވާނެ އެވެ. މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަށް ނުވަތަ ފަސް ވަނަ ބާރަށް ވިޔަސް މެ އެވެ. އޭސީސީ އެއަށް ވުރެ ޒިންމާދާރުވާން ޖެހެ އެވެ. ތުހުމަތުގެ އިނގިލި ދިއްކުރެވޭ ހާލަތުގައި އިސް ނަގައިގެން މައްސަލަތައް ބަލަން ޖެހެ އެވެ. އެތުހުމަތު ކުރެވޭ ފަރާތް އެއީ މައުސޫމު މީހަކަށްވާ ނަމަ އެކަން ވެސް ސާބިތުވާން ޖެހެ އެވެ.
އެކަމުގައި އޭސީސީ އަށް ވުރެ މީޑިއާގެ ޒިންމާ ބޮޑެއް ނުވާނެ އެވެ.