ކުށެއް ކުރުމުގެ ސަބަބުން ބަންދުގައި ހުރި މީހަކު މިނިވަންކުރަންޖެހޭ ކަމަށް ޝަރުތުކޮށްފި ނަމަ، ގައުމަށް ސިޔާސީ ހަމަޖެހުން ނާންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ސުނާމީ ބިނާ މައިޒާން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އެފަދައިން ވިދާޅުވި އިރު، ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރުމަށް ނިންމި މަޝްވަރާތަކުގައި ބައިވެރިވާނީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުމުން ކަމަށް އިދިކޮޅު އެމްޑީޕީ އާއި އަދާލަތުން ވަނީ ބުނެފަ އެވެ.

އެ ދެޕާޓީ އިން ބުނީ މަޝްވަރާ ކުރުމުގައި ސަރުކާރުގެ އިޚުލާސްތެރިކަން ނެތް ކަމަށެވެ. ނަމަވެސް މިރޭގެ ވާހަކަފުޅުގައި ރައީސް ވަނީ އިޚުލާސްތެރިކަން ހުރި މިންވަރު އެނގޭނީ މަޝްވަރާއަށް ވަޑައިގަތުމުން ކަމަށް ވިދާޅުވެފަ އެވެ.

"މީހަކު މީހަކު ކުރި ކަމެއްގެ ސަބަބުން ބަންދުގައި ހުރި މީހަކު ވީއްލަން ޖެހޭނެ ކަމަށް އެއީ ޝަރުތަކަށް ހަދައިފިނަމަ ސިޔާސީ ހަމަޖެހުމެއް އަޅުގަނޑުމެންނަކަށް ނާންނާނެ. އެހެންވީމަ އެކަހަލަ ކަންތައް ކުރާ ކޮންމެ މީހަކު ބަންދު ކުރަން ޖެހޭނެ. މިއެއް ނޫން ދެއްތޯ ގާނޫނު އަސާސީއެއް 2008 ވަނަ އަހަރު ބަލައިގަނެ، ރޫލް ބޭސްޑް ދެވަނައެއް ނެތް ވަރުގެ ގާނޫނު އަސާސީއެއް ލިބިގަނެގެން މި ތިބީ ގާނޫނު އަސާސީ އެއް ފަރާތްކޮށް އެ ތަފާތު ހޯދާކަށް ނޫން،" ރައީސް ވިދާޅުވި އެވެ.

ގާނޫނުގެ ކުރިމަތީގައި އެންމެންނަށްވެސް އެއް އުގޫބާތެއް އަންނަން ޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށާއި، މައްސަލަތައް ނިންމާނީ ކޯޓުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަންބޮޑުވާ ކަންކަމާ އެކު މަޝްވަރާގެ މޭޒަށް އައުމަށް އެމްޑީޕީ އަދި އަދާލަތަށްވެސް ގޮވާލާ ކަމަށެވެ. އަދި ވަކި މީހަކަށް ވީތީ ޚާއްސަ ގޮތްތަކެއް ނުވަތަ އިނާޔަތެއް ހޯދައި އެމީހަކު މިނިވަން ކުރުމަށް ގާނޫނަށް ބަދަލު ގެންނަން ބޭނުންވާނަމަ އެކަން ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފޮހެލުމަށް، ރައްޔިތުންގެ ހައްގުގައި މަޝްވަރާގެ މޭޒަށް އައުމަށް އިދިކޮޅު އެމްޑީޕީ އަދި އަދާލަތަށް ގޮވާލައްވާފަ އެވެ.

ރައީސް އެފަދައިން ވާހަކަފުޅު ދައްކަވާފައި ވާއިރު، ސިޔާސީ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީ އަށް ތަކުރާރުކޮށް ސަރުކާރުން ވަނީ ދައުވަތު ފޮނުވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ހޯދުމާ ގުޅޭގޮތުން އެ ޕާޓީއާ ވަކިން މަޝްވަރާ ކުރުމަށްވެސް ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ.

ނަމަވެސް އެމްޑީޕީ އަދި އަދާލަތުންވެސް ވަނީ ސަރުކާާރުގެ ދައުވަތު ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ.