ސައުތު ކޮރެއާގެ ސޯލްގައި އޮންނަ "ފަސްވަނަ އޭޝިއަން ކޮންފަރެންސް އޮފް ކަރެކްޝަނަލް ފެސިލިޓީސް އަރކިޓެކްޓް އެންޑް ޕްލޭނާރސް" (އޭސީސީއެފްއޭ) ގައި ބައިވެރިވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު މިއަދު ފުރައިފި އެވެ.

މިދަތުރުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ބައިވެރިވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލްއާއި، މާފުށި ޖަލުގެ ޑައިރެކްޓަރު، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ގެ އިތުރުން އެމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ކޮމާންޑިން އޮފިސަރު، ޗީފް ޕްރިޒަން އޮފިސަރު އަބްދުލް ޣަނީ އެވެ.

މާދަމާ ފަށާ ކޮންފަރެންސް އަކީ ދުނިޔޭގެ ޖަލުތައް ޑިޒައިން ކުރެވިފައިވާ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސް އެކެވެ. އެގޮތުން ޖަލުތަކުގައި ޑިޒައިން ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކާއި، މިހާރު ހުރި މައްސަލަތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެއެވެ.

ދުނިޔޭގެ ތަފާތު 12 ގައުމަކުން ބައިވެރިވާ އެ ކޮންފަރެންސް ކުރިއަށް ދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.