13 Mar 2016, 23:02
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އަޅާ 25 ބުރީގެ އިމާރާތާ އެކު މުޅި އެ ހިސާބު ރިހެބިލިޓޭޝަން ސަރަހައްދަކަށް ބަދަލުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
"ސުނާމީ ބިނާ މައިޒާން" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް ނިމިގެންދާއިރު ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލު ރާއްޖޭގައި ހުރުމަކީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ގޮތް ކަމަށެވެ.
މާޗް، 13، 2016: ސުނާމީ ބިނާއާ އެކު، ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެސް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ތިން ރުއް ޕާކު ސަރަހައްދު ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް ޔާމީން ވިދާޅުވީ، 25 ބުރީގެ އިމާރާތާ އެކު، ރަސްފަންނު އަދި ސުނާމީ ބިނާ މައިޒާންވެސް ހިމެނިގެންދާނީ ރިހެބިލިޓޭޝަން ސަރަހައްދުގެ ގޮތުގައި ކަމަށެވެ.
"މުޅި ހިސާބު ބަދަލުވެގެންދާނީ ރިހެބިލިޓޭޝަން މަސައްކަތް ކުރެވޭ، ހޮސްޕިޓަލުގެ ތެރެއިން ބޭރަށް ނުކުމެ މަސައްކަތް ކުރެވޭ ތަނަކަށް،" ރައީސް ވިދާޅުވި އެވެ.
މާޗް، 13، 2016: ސުނާމީ ބިނާއާ އެކު، ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެސް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ތިން ރުއް ޕާކު ސަރަހައްދު ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ރިހެބިލިޓޭޝަން މަސައްކަތް ކުރިއަށްދާ ގޮތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެއީ ހަމައެކަނި ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ރޫމުގެ ތެރޭގައި ކުރިއަށްދާ ކަމެއް ނޫން ކަމަށެވެ.
އަދި ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން އެންމެ ރަނގަޅު ރިހެބިލިޓޭޝަން "ފެސިލިޓީ" ކަމުގައިވާ ނޫ އުޑާ ނޫ ކަނޑު ލިބިފައިވާ ގައުމަކަށް ވުމުން، ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އެ މަސައްކަތް ނުކުރެވޭހާ ފުރިހަމައަށް ރާއްޖޭގައި އެ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ހޮސްޕިޓަލުން އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތައް ހިންގުމަށް ހަވާލުކުރާނީ ބޭރުގެ ނަން މަޝްހޫރު ކުންފުނިތަކާ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް ފިޒިއޮތެރަޕީއަށް ނުވަތަ ރިހެބިލިޓޭޝަން މަސައްކަތަށް ޔޫރަޕުގެ ވަރަށް ފުންނާބު އުސް ބައެއްގެ ހުށަހެޅުން އެބަ އޮތް،" ރައީސް ވިދާޅުވި އެވެ.
މާޗް، 13، 2016: ސުނާމީ ބިނާއާ އެކު، ތަފާތު ބޮޑެތި ބަދަލުތަކެއް ގެނެސް "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ތިން ރުއް ޕާކު ސަރަހައްދު ރަސްމީކޮށް ހުޅުވުން -- ސަން ފޮޓޯ/ފަޔާޒު މޫސާ
ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެންމެ މޮޅު ފަރުވާ ދޭނީ މި ސަރުކާރުން ކަމަށާއި، އައިޖީއެމްއެޗް ހޮސްޕިޓަލުން ފެންވަރު ރަނގަޅު ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
ނޭޝަނަލް ޑަޔަގްނޮސްޓިކް ސެންޓަރެއް ހިމެނޭ ގޮތަށް އަޅާ 25 ބުރީގެ އެއިމާރާތް އަޅަން ސަރުކާރުން ހަވާލުކުރީ ސިންގަޕޫރުގެ ޗަންހުއާ ނަމަކަށް ކުންފުންޏަކާއެވެ.
އެއިމާރާތް އަޅަނީ 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ)ގެ އަގަކަށެވެ.
އިމާރާތް ކުރުމުގެ އަގު ޗުންހުއާ ކުންފުންޏަށް ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގައި 25 ބުރީގެ އިމާރާތުގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް ހިމެނެ އެވެ.
އެ އިމާރާތަކީ ހަމައެކަނި ޑައިގްނޮސްޓިކް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ތަނެއް ނޫން ނަމަވެސް ހަ ފްލޯވަރު ހާއްސަ ކުރެވޭނީ ޑައިގްނޮސްޓިކް ފެސިލިޓީއެއްގެ ގޮތުގަ އެވެ.