13 Mar 2016, 23:21
ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތިން ރުއްޕާކުގައި ސުނާމީ ބިނާ ބަހައްޓައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް "ސުނާމީ ބިނާ މައިޒާން"ގެ ނަމުގައި އެތަން ހުޅުވުމަށް މިރޭ އެ މައިޒާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެ މަސައްކަތް އަލުން ފެށިގެން ދާނެ ކަމަށެވެ.
"ސިފައިންނާއި ފުލުހުން އިންތިޒާރުކުރަމުންދިޔަ ހައުސިން އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުންނާއި ސިފައިންނަކީ ގައުމުގެ އަމަން ބަލަހައްޓައި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބަޔަކަށް ވާއިރު، އެ ދެ މުއައްސަސާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދަތިވާ ކަންތައްތަކަކީ ކޮންމެ ރައްޔިތަކަށްވެސް ދަތިވާނެ ކަންކަން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި ފުލުހުންނާއި ސިފައިންނަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ދަތިކަން ކަމަށާއި އެހެންކަމުން ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސިފައިންނަށް ހުޅުމާލޭގައި އިމާރާތް ކުރާ "ސިފްކޯ ހިޔާގެ" 300 ފުލެޓް ލިބުނު ސިފައިންގެ ނަންތައް އިއުލާންކޮށް، އެ ފަރާތްތަކަށް މީގެ އަހަރެއް ކުރިން ވަނީ ފްލެޓު ހަވާލުކޮށްފަ އެވެ. ނަމަވެސް އެ ފްލެޓުތަކުގެ މަސައްކަތް އަދި ނިމިފައެއް ނުވެ އެވެ.
އޭގެ އިތުރުން ފުލުހުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ 300 ފްލެޓުގެ މަސައްކަތްވެސް ކުރިއަށް ނުދާއިރު، އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ އޭސީސީ އިން އަންނަނީ ބަލަމުންނެވެ.
ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކަށް ހޮވިފައި ތިބި ފުލުހުންނާއި ސިފައިންގެ މުސާރައިން އަންނަނީ އެތަނުގެ ޑައުންޕޭމަންޓަށް ކޮންމެ މަހަކު ވަކި ވަރެއް އުނިކުރަމުންނެވެ.