13 Mar 2016, 21:27
މިރޭގެ ވަގުތެއްގައި ރާޅާ އަޅަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރާޅުގަނޑު ސަރަހައްދުގެ މޫދަށް އެރިއުޅުމަކީ މަނާކަމެއް ކަމަށް މީގެ ކުރިން އަންގާފައި ވަނިކޮށް އަދި އެކަން ނުކުރުމަށް މިރޭ ތަކުރާރުކޮށް އެންގުމުން ވެސް އެ އެންގުމަށް ތަބާނުވެ އެ ސަރަހައްދުގެ މޫދަށް އެރިއުޅުނު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މާލެއާ ހުޅުލެއާ ދެމެދެ ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ ހައުސިން މިނިސްޓްރީން ވަނީ ރާޅުގަނޑު ސަރަހައްދަށް އެރިއުޅުން މަނާކޮށްފައެވެ.
ހައުސިން މިނިސްޓްރީން ބުނީ އެގޮތަށް އަންގާފައި ވަނީ ބްރިޖުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގެ މޫދަށް އެރިއުޅުމަކީ ރައްކާތެރި ކަމެއް ކަމުގައިނުވާތީ ކަމަށެވެ.
މީގެކުރިން ވެސް ފުލުހުން ވަނީ އެ ސަރަހައްދަށް ރާޅާ އަޅަން އުޅުނު ބަޔަކު ހައްުޔަރުކޮށްފައެވެ.