13 Mar 2016, 18:27
ސައުދީ އަރަބިއްޔާ އިން އެކުލަވާލާފައިވާ އިސްލާމީ ލަޝްކަރުން "ތަންޑާ އޮފް ދަ ނޯތު"ގެ ނަމުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ޗީފް އޮފް ޑިފެންސް ފޯސް ސައުދީއަށް ފުރާވަޑައިގަތީ މާރިޗު މަހުގެ އަށް ވަނަ ދުވަހު އެވެ.
އެ ދަތުރުގައި ޗީފް އޮފް ޑިފެންސް ވަނީ އިސްލާމީ ލަޝްކަރުގެ އަސްކަރީ ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބައްލަވާލައްވާފަ އެވެ. ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބާއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
"ތަންޑަރ އޮފް ދަ ނޯތު"ގެ އަސްކަރީ ތަމްރީނުތަކުގައި އޮބްޒާވަރުންގެ ހައިސިއްޔަތުން ސިފައިންގެ ޓީމެއް އަންނަނީ ސައުދީގައި ހަރަކާތްތެރި ވަމުންނެވެ.
ދިވެހިރާއްޖެ ހިމެނޭ ގޮތަށް 20 ގައުމެއް ބައިވެރިވާ އަސްކަރީ އެލަޔަންސްގެ ތަމްރީނުތައް ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ.
އެ ތަމްރީނުތަކުގައި ޓެރަރިޒަމާ ދެކޮޅަށް ގުޅިފައިވާ ގައުމުތަކުން މަސައްކަތްކުރާނެ ގޮތްތަކާއި ހުނަރުތައް އަމަލީ ގޮތުން ދަނީ ފަރިތަކުރަމުންނެވެ.
ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން އެކުލަވާލި އަސްކަރީ އެލަޔަންސަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ އެލަޔަންސެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި އުފެއްދި، އެންމެ ގިނަ ގައުމުތަކުން ބައިވެރިވާ އެންމެ ބޮޑު ލަޝްކަރެވެ.