ސުކޫލްތަކުގެ ލެބޯރެޓަރީތަކަށް 7.9 މިލިއަން ރުފިޔާގެ ކެމިކަލާއި ސާމާނު އަދި ޕްރީ ސުކޫލްތަކަށް 5.5 މިލިއަން ރުފިޔާގެ އައުޓްޑޯ ޕްލޭސެޓަޕް ހިމެނޭ ގޮތަށް ޖުމުލަ 13.4 މިލިއަން ރުފިޔާގެ ތެކެތި ސަރުކާރުން ފޯރުކޮށްދީފިއެވެ.

ކުރީގެ ދަރުމަވަންތަ ސްކޫލްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްކޫލްތަކަށް ބޭނުންވާ ކެމިކަލް އާއި ސާމާނު އެ ސްކޫލްތައް ހިމެނޭ ޒޯންތަކާ ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، ޑރ. އަބްދުﷲ ނަޒީރު އެވެ. އަދި ޕްރީސުކޫލްތަކަށް ބޭނުންވާ އައުޓްޑޯ ޕްލޭ ސެޓަޕްތައް ޒޯންތަކާއި ހަވާލުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޝަފީއު އެވެ.

ސްކޫލުތަކުގެ ލެބްތަކަށް ބޭނުންވާ ކެމިކަލާއި ސާމާނު އަދި ޕްރީ ސުކޫލްތަކަށް ބޭނުންވާ ކުޅޭ ސާމާނު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒު މޫސާ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީ ވިދާޅުވީ، ލެބުތަކަށް ބޭނުންވާ ކެމިކަލް އާއި ސާމާނު ހަވާލު ކުރެވުނީ 50 ސުކޫލަކަށް ކަމަށެވެ.

"މި ކެމިކަލްސް އާއި އިކުއިޕްމަންޓު ތެރޭގައި ހިމެނޭ ގާތްގަނޑަކަށް ގުރޭޑު އެކަކުން ފެށިގެން، އާދެ ޖެނެރަލް ސައިންސް އިން ފެށިގެން ގޮސް، ކެމިސްޓްރީ ފިޒިކްސް ބަޔޮލޮޖީ މި ކިޔަވާދޭ ފެންވަރުގެ ކެމިކަލްސް އާއި އަދި އޭގެ އިކުއިޕްމަންޓްސް،" އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

ސްކޫލުތަކުގެ ލެބްތަކަށް ބޭނުންވާ ކެމިކަލާއި ސާމާނު އަދި ޕްރީ ސުކޫލްތަކަށް ބޭނުންވާ ކުޅޭ ސާމާނު ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވީ، މިއަދު ނިމިގެން ދިޔައީ ސުކޫލްތަކަށް ކެމިކަލާއި ސާމާނު ހަދިޔާ ކުރުމުގެ ފުރަތަމަ ބުރު ކަމަށާއި، މި މަސް ނިމުމުގެ ކުރިން ދެވަނަ ބުރަކަށް ވެސް އިއުލާނު ކުރާނެ ކަމަށެވެ.

"އޭގެ މާނައަކީ އިތުރު 50 ސުކޫލަކަށް މި އަހަރު ތެރޭގައި އަޅުގަނޑުމެން މި ކެމިކަލްސް އަދި އިކުއިޕްމަންޓު ހޯދައިދޭ ގޮތަށް މި ތިބީ،" އިބްރާހިމް އިސްމައިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕްރީ ސުކޫލްތަކަށް ބޭނުންވާ ކުޅޭ ސާމާނު ހަވާލު ކުރެވިގެން ދިޔައީ ތިން ފަންތިއަކަށް ބަހާލެވިގެން 90 ސުކޫލަކަށް ކަމަށެވެ. އަދި އޭގެ ވެސް ދެވަނަ ބުރެއް މި އަހަރުގެ މޭ މަސް ތެރޭގައި ފަށާގޮތަށް ހަމަޖެހިފައިވާ އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓުގެ ތެރެއިން 90 ސުކޫލަކަށް، އެއީ ތަފާތު ތިން ލެވެލްއެއްގަ އެއީ ކުދި ސުކޫލްތަކާއި މެދުފަންތީގެ ސުކޫލްތަކާއި ބޮޑެތި ސުކޫލްތަކަށް ވާ ގޮތަށް،" އިސްމާއިލް އިބްރާހިމް ވިދާޅުވިއެވެ.