ޏ. ފުވައްމުލަށް ދޫޑިގަމް، އާސްމާންގޭ އަބްދުﷲ ޝުހާދު މަރާލުމުގެ ކުށުގައި މަރުގެ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ އެރަށު ކަރަންކާއާގޭ ހަސަން ފަރީދުގެ މައްޗަށް މަރަން ހުކުމް ކޮށް މައްސަލަ ނިންމާފައި ވަނީ ހެކިންގެ ހެކިބަހަށް ބެލުމެއްނެތި، ހަމައެކަނި ތަހުގީގު ބަޔާނަށް ބަލައިގެން ކަމަށް ފަރީދު ވަކީލު ވިދާޅުވެއްޖެ އެވެ.

ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާ އިރު ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް އޭނާގެ ކަނާތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލައިގައި މިއަދު ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަރީދުގެ ވަކީލުވަނީ އިސްތިއުނާފު ކުރަން ބޭނުންވާ ނުކުތާތައް ހުށަހަޅާފަ އެވެ. އެގޮތުން ދަށުކޯޓުގައި ދީފައިވާ ހެކިންގެ ހެކިބަހެއް ހެކި އަނެއް ހެއްކާ ދިމާނުވާ ކަމަށް ވަކީލު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ބައެއް ހެކިން ބަނޑަށް ވަޅިހެރިކަމަށް ބުނާއިރު އަނެއްބައި ހެކިން ބުނެފައި ވަނީ އަރިކައްޓަން ވަޅިހަރާފައިވާ ކަމަށެވެ.

ފަރީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ހާޒިރު ކުރުމެއްނެތި މައްސަލަ ނިންމާފައިވާކަމަށް ވިދާޅުވެ އެޕޮއިންޓުވެސް ވަނީ ފަރީދުގެ ފަރާތުން އިސްތިއުނާފުކޮށްފަ އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިން ހެކިބަސް ދިން އިރު " ތަހުގީގު ބަޔާނުގައި އެވާހަކަތައް ހުއްނާނެއޭ. މިހާރު ހަނދާނެއް ނެތޭ" ބުނެފައިވާ ކަމަށްވެސް ފަރީދުގެ ވަކީލު ވިދާޅުވި އެވެ.

ގާނޫނީވަކީލެއްގެ އެހީތެރިކަން ދިނުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ޕޮއިންޓަށް ރައްދުދެއްވާ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ މައްސަލަ ނިންމި ރިޕޯޓުގައި ބުނެފައިވާގޮތުން ވަކީލެއް ބޭނުން ނޫންކަމަށް ފަރީދު ކޯޓުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ކޯޓުން އެފުރުސަތު ނުދިނީކަމަށް ބުނެވެން ނެތް ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 13 މެއި 2015 ވަނަ ދުވަހު އެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 2015 ޖޫން މަހުގެ ތެރޭގަ އެވެ.

ޝުހާދު މަރުވެފައި ވަނީ، ވަޅިހަރާލުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުންދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.