13 Mar 2016, 14:59
އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ)ގެ މެމްބަރުންގެ މާލީ ބަޔާންތައް ހަމަ އެކަނި އޮޑިޓާ ޖެނެރަލަށް ހުށަހެޅުމުގެ ބަދަލުގައި އެބަޔާންތައް އާއްމުކުރާނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
އޭސީސީގެ މިދިޔަ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމަށް އެކޮމިޝަނުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަނުގެ ރައީސް ޙަސަން ލުތުފީ ވިދާޅުވީ އެހެން މިނިވަން މުއައްސަސާތަކުން ވެސް އެގޮތަށް ކަންތައް ކުރާނެ ކަމަށް އުއްމީދުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަސްދުކޮށްފައި މިއޮތީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަޅުގަނޑުމެން ހުށަހަޅަން ޖެހޭ މާލީ ބަޔާން، މީޑިއާތަކަށް އާއްމުކުރަން. އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑުމެން މިކަން ކުރާ ބީދައިން އެހެން މިނިވަން މުއައްސަސާތަކުން ވެސް ކަންކުރައްވާނެ ކަމަށް،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ވިދާޅުވީ ރާއްޖޭގައި އަށަގެންފައިވާ ކޮރަޕްޝަންގެ ވަބާ ނައްތައިލުމަށް މި އަހަރު ވެސް އޭސީސީން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ތައްޔާރުކުރަމުން އަންނަ ނަޒާހަތްތެރިކަމުގެ ގައުމީ ޕްލޭން މިއަހަރުގެ ތެރޭގައި ލޯންޗް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމަސައްކަތް މުޅި ދައުލަތް ޝާމިލުވާ ގޮތަށް އަޅުގަނޑުމެން ކުރާނަން. އަދި އޭގެ ސަބަބުން، ދައުލަތުގެ ތެރޭގައި މިހާރު ހިނގަމުންދާ ކޮރަޕްޝަނުގެ ކަންތައްތައް ހުއްޓިގެންދާނެ ކަމަށް އަޅުގަނޑުމެން މިއުއްމީދުކުރަނީ،" ލުތުފީ ވިދާޅުވި އެވެ.