13 Mar 2016, 14:28
އެއީ މީގެ ކުރިން ވެސް މީހުން ހިތް އުފާކޮށްލަން ގޮސް އުޅޭ ސަރަހައްދެކެވެ. ނަމަވެސް އޭރު އެ ސަރަހައްދުން މަރުހަބާ ކިޔަނީ ކުނި ބާޖުތަކެވެ. ވާހަކަ ދައްކާލަން ގޮސް މަޑުކޮށްލައިގެން ތިބޭ އިރު ދުވާ ވަހުން ނޯއް ދަމާލެވޭ ވަރެއް ނޫނެވެ. ދެން އެ ސަރަހައްދުގެ ބިމުން އެއްބައި އޮންނަނީ ގަނބައިގެންފަ އެވެ.
ނަމަވެސް އެއީ މާޒީ އެވެ. މިއަދު އެ ވަނީ އެސަރަހައްދު ޒީނަތްތެރިކޮށްފަ އެވެ. މިރޭ ހުޅުވާ އެ ތިން ރުއްޕާކަކީ ހިތްގައިމުކަން ލިބިގެންދާތަނެކެވެ.
އާ ނަމެއްގައި ކުލަގަދަ ރަސްމިއްޔާތަކާ އެކު މިރޭ އެ ޕާކް ހުޅުވާ އިރު އެތަނަށް ވަނީ ހަގީގީ ހިތްގައިމުކަން ގެނެސްދީފަ އެވެ. މިހާރު އެއީ ތަފާތު ކުލަތަކުން ޒީނަތްތެރިކޮށްފައިވާ ސަރަހައްދެކެވެ. ކުދި ބޮޑު މީހުންނަށް ގޮސް ހިތް އުފާކޮށްލެވޭ ފަދަ ތަނެކެވެ.
މަޑުކޮށްލައިގެންތިބެ މޫދު ބަލާލެވޭ ގޮތަށް އެސަރަހައްދު ވަނީ "ޗެންޗެއިން" ޖަހައިފަ އެވެ. އެކި ސަރަހައްދުތަކަށް ދޮންވެލިލައި ޖޯލިފަތިތަކާއި އިށީނދެވޭ ގޮތަށް ރުއް ބުރިތައް ވަނީ ބަހައްޓައިފަ އެވެ. އެ ސަރަހައްދަށް ވަދެވޭ ގޮތަށް ހަދާފައިވާ މަގުތައް ވަނީ ރީތި ކުލަތަކުން ޖަރީކޮށްފަ އެވެ. އަދި ރޭގަނޑު ހިތްގައިމުވާ ގޮތަށް މަގުތައް ވަކިކޮށް ލައިޓްތައް ވަނީ ހަރުކޮށްފަ އެވެ.
ތިން ރުކާ އެކު ތިން ރުއްޕާކުގެ ނަން ދެވިފައިވާ އެ ސަރަހައްދަށް މިފަހަރު އެންމެ ބޮޑު ފުރިހަމަ ކަމެއް ގެނެސްދެނީ ބުރިޖުގެ މަޝްރޫ ހިނގުމަށް ޓަކައި ރާޅުގަނޑުން ނެގި ސުނާމީ ބިނާ އެ ސަރަހައްދުގައި ބަހައްޓާފައިވުމެވެ. އެސަރަހައްދުގެ މެދަށްވާ ގޮތަށް ސުނާމީ ބިނާ ބަހައްޓާފައިވާ އިރު އެބިނާގެ ވަށައިގެން ހިނގޭ ގޮތަށް ފާރުބުރިތައް ވަނީ ރާނައިފަ އެވެ.
މީގެ ތިން މަސްކުރިން ފެށި އެ ޕާކުގެ މަސައްކަތް ނިންމައި މިރޭ ހުޅުވާ އިރު އެއީ ގިނަ ބަޔަކު ހިތްއުފާކޮށްލާ ހެދުމަށް ގޮސްލެވޭނެ ވަރަށް ވެސް ފުރިހަމަ މަންޒިލެކެވެ.
އިމާރާތްތަކުން ފުރިފައިވާ މި މާލެ ޒީނަތްތެރިކޮށް މީހުން ހިތް އުފާކޮށްލެވޭނެ ތަނަކަށް ހެދުމަށް ޓަކައި ހައުސިން މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިރޭ ހުޅުވާ ޕާކަކީ ވެސް އެފަދަ ތަނަކަށް ވެގެންދާނެކަން ޔަގީނެވެ. އަދި އެއީ އަލަށް ހުޅުވި ހެދި ގޮނޑުދޮށް ސަރަހައްދަށް އިތުރުކުރެވޭ ބޮޅަކަށް ވެސް ވާނެ އެވެ.