އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބެހުމުގައި ހަރަކާތްތެރިވި ކަމަށް ހޯރަފުށީ ދާއިރާ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ތަޅުމުގައި އިއުތިރާފުވުމަކީ ދިވެހި ދައުލަތުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމަށް ޓުރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ބުނެފި އެވެ.

ޓީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދައުލަތުގެ އިސްވެރިން އެ ފަރާތްތަކުގެ މަގާމާއި ބާރުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމަކީ ރާއްޖެ އަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2015 ވަނަ އަހަރު ނެރުނު ޑިމޮކްރަސީ ސާވޭގެ ނަތީޖާ ދައްކާ ގޮތުން 77 ޕަސެންޓް ރައްޔިތުން ގަބޫލު ކުރާ ގޮތުގައި 2014 ވަނަ އަހަރު ރާއްޖޭގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ވަނީ އިތުރު ވެފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓީއެމްގެ ބަޔާނުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރިވުމާއި މަނިޓަރީ އޮތޯރިޓީ އިން ކަޅު ފައިސާ ދޮވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ރާއްޖެ އާއި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވަނިކޮށް، މަޖިލީހުގެ ވެރިންނާއި ސަރުކާރުގެ އިސްވެރިންނަށް ގޮތް ނޭނގޭ ފައިސާތަކެއް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

"ސަރުކާރުގެ ދާހިލީ ވަޒީރު ވަނީ އިދިކޮޅު މެމްބަރުން ވެސް މި ފަހުން ހިނގާ ދިޔަ ކޮރަޕްޝަން މައްސަލަތަކުގައި ޝާމިލުވާކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމައެހެންމެ، ކޮރަޕްޝަންގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ހޮވާފައި ތިބޭ މެމްބަރުންގެ ވޯޓުން އެ ކަރުދާސްތައް ބޭރުކުރުމުން، އެފަދަ ކަރުދާސް ބޭރު ކުރުމަށް ވޯޓު ދޭ މެމްބަރުންގެ ފަސްބައިގެ ސާފުތާހިރުކަމާއި އިހުލާސްތެރިކާމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަސްލަހަތު އޮންނަ މިފަދަ މައްސަލަތަކުގައި ތަހުގީގު ކުރާ މުއައްސަސާތަކުން ވެސް ތަހުގީގު ރިޕޯޓުތައް އެކުލަވާލުން ލަސްވުމާއި ފުރިހަމަ ރިޕޯޓުތައް އެކުލަވާނުލުމަކީ ވެސް މައްސަލަ އިތުރަށް ގޯސްވެ މި މުއައްސަސާތަކާ މެދު ރައްޔިތުން އިތުބާޜު ކުޑަވާކަމެއް." އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަމަ އެއާ އެކު، ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމަށް ކަނޑައެޅާފައިވާ މުއައްސަސާތަކަށް ސިޔާސީ ނުފޫޒާއި ބާރު ފޯރުވުމުގެ ސަބަބުން އެ މުއައްސަސާތަކުގެ އަތްފައި ބަނދެވި، ޒިންމާ އަދާ ކުރުމުގައި ލަސްވެ މައުނަވީ ބަދަލު ގެނައުމަށް ނުކުޅެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޓީއެމްގެ ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓާ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއި މުސަތްގިއްލު ކަމާއެކު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ޒިންމާ އުފުލުމަށް އަވަސްވެގަތުމަށް ގޮވާލާފަ އެވެ.

ހަމައެއާ އެކު، ސަރުކާރާއި އެކިއެކި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ރައްޔިތުން ތެދުވެ ފާރަވެރިވުމަށް ވެސް ޓީއެމްގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.