ޓްރާންސްޕޯޓް އޮތޯރިޓީ އަށް ގިނަ ގުނަ ޒިންމާތަކެއް ހަވާލުކުރުމަށް ފަހު އެ އޮތޯރިޓީގެ މަސައްކަތް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތަށް މުޅިން އަލަށް އެކުލަވާލައި ސަރުކާރުގެ ފަރާތުން ހުށަހެޅި "ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު" އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.

އެ ބިލު ދިރާސާ ކުރުމަށް އިގްތިސާދީ ކޮމެޓީ އަށް ފޮނުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ބިލު ދިރާސާ ކުރި އިރު އެ ބިލަށް ކޮމެންޓު ކުރުމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ބޭފުޅުން ވެސް ވަނީ ހާޒިރުކޮށްފަ އެވެ.

ބިލު ކޮމެޓީން ފާސްކޮށްފައި ވަނީ އެވަގުތު ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނެވެ.

ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކު ހުށަހެޅުއްވި އެ ބިލާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އެ ބިލު އޭނާ ހުށަހެޅުއްވީ މައިގަނޑު ދެ މަގުސަދެއް ހާސިލު ކުރުމަށް ޓަކައި ކަމަށެވެ.

އެގޮތުން އެއް މަގުސަދެއް ކަމަށް އޭނާ ވިދާޅުވީ، ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތާއި ރައްކާތެރިކަމާ އެކު ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުން ކަމަށެވެ. އަދި ދެވަނަ މަގުސަދެއްގެ ގޮތުގައި ބިލުގައި ބުނެފައި ވާނީ އެއްގަމާއި ކަނޑު ދަތުރުފަތުރާއި ގުޅޭ ކަންކަން ތަންޒީމު ކުރުމަށް ޓަކައި ގާނޫނަކުން އުފައްދާ އިދާރާއަކުން ކަމާ ގުޅޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމަށް މަގުފަހި ކުރުން ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލު މަޖިލީހަށް ހުށަހެޅުއްވި މުހައްމަދު އަމީތު އަހުމަދު މަނިކު -- ފޮޓޯ/ މަޖިލިސް

ބިލުގެ ހަތަރު ވަނަ ބާބުގައި ބުނެފައި ވަނީ މިނިސްޓަރުގެ ލަފާގެ މަތީން ޓްރާންސްޕޯޓް އޮތޯރިޓީގެ ސިޔާސަތުތައް ކަނޑައެޅުމަށާއި އޮތޯރިޓީ ހިންގުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމަށް ޓަކައި ބޯޑެއް އެކުލަވައިލަން ވާނެ ކަމަށެވެ. އަދި އެބޯޑަށް ކިިޔާނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އެ ބޯޑުގައި ތިބޭނީ ފަސް މެމްބަރުން ކަމަށާއި ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަންކުރައްވާނީ މެރިޓައިމް ނުވަތަ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއިންނާއި އެއްގަމު ދަތުރު ފަތުރުގެ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިންނާއި ތިމާވެއްޓާ ބެހޭ ދާއިރާގެ ބޭފުޅުން ކަމަށެވެ. ހަމައެއާ އެކު މަސްވެރިކަމާއި ހިންގުމުގެ ދާއިރާ އިން ވެސް ބޭފުޅުން އެ ބޯޑަށް އައްޔަން ކުރަންވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައި ވަނީ އެ ބޯޑުގެ މެމްބަރު ކަމަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާ އިން ފަސް އަހަރު ދުވަހު ހިދުމަތްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައިވާ ގޮތުން އެ ބޯޑަށް މެމްބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި ބިލު ތަސްދީގުކޮށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ބޯޑަށް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ބިލުގައި ބުނެފައި ވަނީ އޮތޯރިޓީގެ މަސައްކަތަކުގެ ތެރޭން ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ހިންގާނީ ބޯޑުގެ ލަފައާއި އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތީން އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލު ކަމަށެވެ. އަދި އެ މަގާމުގައި އެންމެ ގިނަ ދުވަހު ހުރެވޭނީ ފަސް އަހަރު ދުވަހު ދެ ދައުރު ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.