ފާއިތުވި ފަސް އަހަރު ތެރޭގައި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 2000 އަށް ވުރެ ގިނަ މައްސަލަ ބަލައި ނުނިމި ހުރި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިއަދު ނެރުނު 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ނިމުނުއިރު، އެ ކޮމިޝަނުން ބަލައި ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 2353 ކަމަށެވެ.

ރިޕޯޓްގައި ހިމަނާފައިވާ ފަސް އަހަރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޮމިޝަނުގައި 5370 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެގޮތުން 2011 ވަނަ އަހަރު 1002 މައްސަލަ ބަލަން ފަށަން ފެށިއިރު 2012 ވަނަ އަހަރު 1294 މައްސަލަ ބަލަން ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި ޖެހިގެން އައި އަހަރު، 2013ގައި 1316 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު 2014 ވަނަ އަހަރު 926 އަދި މިދިޔަ އަހަރު 832 މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވެއެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުން ކޮމިޝަނުގައި މައްސަލަ ރަޖިސްޓްރީ ކުރި އަދަދު އެންމެ މަދުވެފައި ވަނީ މިދިޔަ 2015 ވަނަ އަހަރުއެވެ.

އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ހުށަހެޅި މައްސަލަތައް މަދުވި އެއް ސަބަބަކީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތައް މަދުވުން ކަމަށެވެ.

"...މިސާލަކަށް ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ސަރުކާރު ޕްރޮޖެކްޓްތައް ހިންގާ މިންވަރަކުން އެ ޕްރޮޖެކްޓްތަކާ އެ ސިޔާސަތުތަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް އިތުރުވެގެން ދޭ. އެހެންވީމާ އެގޮތަށް އަޅުގަނޑުމެން ބަލާއިރު 2013 ވަނަ އަހަރު ހުށަހެޅިފައި އޮތް ގިނަ ޝަކުވާތައް އަދި 2012 ވަނަ އަހަރު ހުށަހެޅިފައި އޮތް ގިނަ ޝަކުވާތައް ހުށަހެޅިފައި އޮތީ އޭރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސަބަބުން ހުށަހެޅިފައި. ހަމަ އެހެންމެ މިހާރުގެ ހާލަތަށް ބަލާއިރު ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ނޫނީ ހިންގާ ކަންތައްތައް މަދުވި ވަރަކަށް އެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތައް ވެސް މަދުވެގެންދާނެ،" މުއައްވިޒު ވިދާޅުވިއެވެ.

ޝަކުވާތައް މަދުވި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ

ޝަކުވާތައް ބަލައިގަންނަ އުސޫލު އޭސީސީން ބަދަލުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ކޮންމެ ޝަކުވާއެއް ކޮމިޝަނުން މިހާރު ބަލައި ނުގަންނަ ކަމަށެވެ. އެގޮތުން މިހާރު މައްސަލައެއް ބަލައި ގަންނަނީ ވަކި ކަންތައްތަކެއް ފުރިހަމަވުމުން ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ.