13 Mar 2016, 13:11
މޯބައިލް ފޯނުގެ ނަންބަރު ބަދަލުނުކޮށް، ޚިދުމަތް ހޯދާ ނެޓްވޯކް ބަދަލުކުރެވޭ ހިދުމަތް ކަމަށްވާ "ނަންބަރު ޕޯޓަބިލިޓީ"ގެ ހިދުމަތައް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މުއާސަލާތީ ކުންފުނި ދިރާގާއި އުރީދޫ އިން ބުނެފި އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު ވިދާޅުވިގޮތުގައި އުރީދޫގެ ގިނަ ކަސްޓަމަރުންތަކެއް ދިރާގަށް ބަދަލުވަމުން އަންނަ ކަމަށެވެ.
"ފުދޭވަރަކަށް އަޅުގަނޑުމެންނަށް ތަރުހީބް ރަނގަޅު، ޕުރިޕެއިޑް ނަމްބަރުތައްވެސް އެބަ ދިރާގަށް ޖޮއިންކުރޭ، ހަމަ އެހެންމެ ޕޯސްޕެއިޑް ބޭފުޅުން ވެސް ސްވިޗު ކުރައްވާ." އިމްޖާދު ވިދާޅުވި އެވެ.
އުރީދޫގެ ސީނިއާ އެގްޒެކްޓިވް ޕަބްލިކްރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އަތޮލުތެރެ އާއި މާލެ އިން ވެސް ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންތަކެއް އުރީދޫ އަށް ބަދަލުވަމުން އަންނަ ކަމަށެވެ.
އެ ދެ ކުންފުނިން ވެސް މިހާތަނަށް ބަދަލުވި ކަސްޓަމަރުންގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފޯނު ނަމްބަރު ބަދަލުނުކޮށް ނެޓްވޯކް ބަދަލު ކުރުމުގެ ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ.
ހިދުމަތް ހޯދަން ހަދަންޖެހޭނީ ކިހިނެއް؟
"ނަމްބަރ ޕޯޓެބިލިޓީ"ގެ ހިދުމަތް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމްބަރުގެ ނެޓްވޯކް ބަދަލު ކުރެވެނީ އެކްޓިވް ނަމްބަރެއްނަމަ އެވެ. އަދި އެ ނަމްބަރު ބޭނުންކުރާތާ 90 ދުވަސް ވެފައިވާންޖެހެ އެވެ. އެ ހިދުމަތް ހޯދުމަށް "Port" ޖެހުމަށްފަހު 234 އަށް އެސްއެމްއެސް ކުރުމުން ލިބޭ ކޯޑާއެކު ފޯމެއް ފުރުމަށްފަހު އެ ހިދުމަތައް ހުށަހެޅޭނެ އެވެ.
އެ ހިދުމަތް ފޯރުކޮށް ދެނީ އެ ނަމްބަރަކުން ދައްކަންޖެހޭ ހުރިހާ ބިލެއް ދައްކައި ހަލާސް ކުރުމުންނެވެ. އެ ހިދުމަތަށް 200 ރުފިޔާގެ ފީއެއް ނަގާނެ އެވެ. އެ ހިދުމަތަށް އެދޭތާ ދެ ދުވަސް ތެރޭ ނެޓްވޯކުގެ ހިދުމަތް ލިބެން ފަށާނެ އެވެ.