މޯލްޑިވްސް މާކެޓިން އެންޑް ޕީއާރްކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި ރާއްޖޭން ބޭރަށް ގެންގޮސްފައިވާ ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީގެ 2015 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުނު ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

"...ހަމަ އެހެންމެ މީގެ މައުލޫމާތުތައް، ބޭންކްތަކުގައި ހުރި މައުލޫމާތުތަކާ ގުޅިގެން އަޅުގަނޑުމެން ހޯދި މައުލޫމާތުގެ އަލީގައި، ރާއްޖޭން ބޭރަށް ބައެއް ފައިސާތައް މުއާމަލާތްތައް ކުރެވިފައި ހުރިކަން ފާހަގަ ކުރެވިގެން ރާއްޖޭން ބޭރުގެ ބައެއް އެޖެންސީތަކާ އަޅުގަނޑުމެން މިދަނީ މުއާމަލާތް ކުރަމުން މިފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި،" މުއައްވިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ހުރި އެކައުންޓްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ އެކައުންޓްތައް ފްރީޒް ކުރުމަށް މަސައްކަތްކޮށް ބައެއް އެކައުންޓްތައް މިހާރު ވެސް ހުންނާނީ ފްރީޒްކޮށްފައި ކަމަށެވެ.

"...މައްސަލާގައި އަޅުގަނޑުމެންނަށް ފާހަގަކުރެވެމުންދާ ކަންތައްތަކާ ގުޅޭ ގޮތުން އިތުރަށް ކުރަން ޖެހޭ ކަންތައްތައް ދަނީ ހަމަ ކުރިއަށް. މީގައި އެއްކަމަކަށް އަޅުގަނޑުމެން ފާހަގަ ކުރެވުނީ، މި މައްސަލަ ތަހުގީގު ކުރަން އަޅުގަނޑުމެން ފެށި ފުރަތަމަ މަރުހަލާގައި ވެސް އަޅުގަނޑުމެންނަށް މިއާ ގުޅުން ހުރި، ސަސްޕެކްޓްކުރެވޭ އެކައުންޓްތަކުގެ މައުލޫމާތު ހޯދައި އެކައުންޓްތައް ފްރީޒްކުރަން މަސައްކަތް ކުރިއަށް ގެންދެވުނު. ހަމަ އެހެންމެ މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން ބައެއް އެކައުންޓްތައް މިހާރުވެސް ހުންނާނީ ފްރީޒް ކުރެވިފައި،" މުއައްވިޒު ވިދާޅުވި އެވެ.