ސްޕެނިޝް ލީގްގައި ރޭ ތާވަލުގެ އެންމެ ކުރީގައި އޮތް ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުތައް ފަސޭހަކަމާއި އެކު ކާމިޔާބްކޮށްފިއެވެ.

ރޭގެ މޮޅާއެކީ ބާސާ ލީގުގެ އެއްވަނައިގައި އޮތީ، 75 ޕޮއިންޓާއެކީގައެވެ. ލީގުގެ ދެވަނައިގައި 67 ޕޮއިންޓާއެކީ އެތްލެޓިކޯ މެޑްރިޑް އޮތްއިރު، އެ ދެ ޓީމަށްވުރެ އެއް މެޗު މަދުންކުޅެ 60 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގްގައި ރޭ ބާސެލޯނާ އާއި ގެޓާފޭ ކުޅުނު މެޗުގައި މެސީ އަތުން ބޯޅަ ހޯދުމަށް ގެޓާފޭގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ބާސާގެ ކޭމްޕް ނޯގައި ރޭ ކުޅުނު މުޗުގެ ފުރަތަމަ ހާފްގައި އެ ޓީމުން ހަތަރު ގޯލުގެ ލީޑެއް ނެގިއިރު ފުރަތަމަ ގޯލަކީ، ގެޓާފޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެވަނަ ގޯލު މުނީރު އަލް ހަދީދީ ކާމިޔާބުކޮށް ދިން އިރު ތިން ވަނަ ގޯލު ކާމިޔާބް ކޮށްދިނީ ނޭމާ އެވެ. ހަތަރު ވަނަ ގޯލު ލިއޮނަލް މެސީ ކާމިޔާބްކޮށްދިން އިރު އޭނާ ވަނީ އެ މެޗުގައި ޕެންލްޓީ އެއް ބޭކާރުކޮށްލާފައެވެ.

ހަތަރު ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ބާސާއިން ނިންމާލިއިރު، ބާސާގެ އަނެއް ދެ ގޯލް ދެވަނަ ހާފްގައި ކާމިޔާބްކޮށް ދިނީ ނޭމާ އާއި އަރްދާ ޓުރާންއެވެ.

ސްޕެނިޝް ލީގްގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ޑިޕޯޓިވޯ ލަކުރޯނާ ކުޅުނު މެޗުގައި އެތުލެޓިކޯގެ ގްރީޒްމަން އަތުން ބޯޅަ ހޯދުމަށް ޑިޕޯޓިވޯގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑުން ރޭ ވަނީ، ޑިޕޯޓިވޯ ލަކުރޯނާގެ މައްޗަށް 0-3 ގެ ނަތީޖާއިން ކުރި ހޯދާފައެވެ. ޑިޕޯޓިވޯ ކޮޅަށް އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ސައުލް ނިގޭޒާއި އެންޓޮއިން ގްރީޒްމަން އަދި އެންޑްރެއާ ކޮރެއާ އެވެ.