13 Mar 2016, 11:14
ފުލުހުންގެ އިންޓެލިޖެންސާއި ނ.ވެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ނ.ވެލިދޫ އިން ކުޑަ ކުއްޖަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ވެލިދޫ ފަޅު ގެއެއްގެ ތެރޭގައި އެއްޗެހި ތަކެއް ވަޅުލަން އިންދާ ފެނިގެން ކަމަށެވެ.
އެ ކުއްޖާ ހައްޔަރު ކުރުމަށްފަހު އެއްޗެހިތައް ވަޅުލަން އިން ދިމާ ބަލާފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 210 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހަމައެއާއެކު، އެ ކުއްޖާ އެ ވަގުތު ހުރި ފަޅުގެއާ ޖެހިގެން ހުރި ގޭގެ ގޯތި ތެރެ ބަލާ ފާސް ކުރިއިރު އެ ގޭ ގޯތިތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފަސް ރަބަރު ޕެކެޓު ވަޅުލާފައި ވަނިކޮށް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހު ވެސް އެ ކުއްޖާ ހައްޔަރުކޮށްފައި ވާ ކަމަށެވެ. އަދި އޭނާ މި ފަހަރު ހައްޔަރުކޮށްފައި އެވަނީ ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ދެވަނަ ފަހަރަށް މުއްދަތަށް ގެންދިޔުމުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށް ފުލުހުން ބުނެއެވެ..
އެ މައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.