26 Apr 2010, 14:54
19:00
އައިޖީއެމްއެޗްގެ އޯޕީޑީގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތި ތިން ހަފްތާ އަށްވުރެ ގިނަ ދުވަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންއެބަދެ އެވެ.
ސަން އެފްއެމަށް ގުޅި ބައެއް މީހުން ބުނާ ގޮތުގައި ކުޑަކުދިންގެ ތަފާތު ރޯގާތައް މި ދުވަސްވަރު މާލެތެރޭގައި އުޅޭއިރު، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލްގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތި ތިން ހަފްތާ އަށްވުރެ ގިނަ ދުވަސްވެގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.
މި ކަމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގެ ސީއީއޯ ޒުބައިރު މުހައްމަދު މިއަދު ވިދާޅުވީ އޯޕީޑީގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތްތާ ހަތަރު ހަފްތާ ވެދާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބޭ ކުދިންނާއި އަލަށް އުފަންވާ ކުދިން ބެލުމަށްޓަކައި ކުޑަކުދިންގެ ހާއްސަ ދެ ޑޮކްޓަރުން މިހާރު ވެސް ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޒުބައިރު ވިދާޅުވީ އޯޕީޑީގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ބައެއް ޑޮކްޓަރުން ޗުއްޓީގައި ތިބުމުން ކަމަށެވެ.
ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް އޯޕީޑީގައި ނެތުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި ޝަކުވާ ލިބެމުންދާ ކަމަށް ވިދާޅުވެ ޒުބައިރު ވިދާޅުވީ ޑޮކްޓަރުން ހޯދުމަށްޓަކައި އެ ހޮސްޕިޓަލުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.