13 Mar 2016, 10:28
ޖެނީވާ (މާޗް 13) : ސޫރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމުގެ ވާހަކަތައް ޖެނީވާގައި މާދަމާ ފެށޭ އިރު އެ ވާހަކަތަކުގެ އަސާސް ކަމަށްވާ ސޫރިޔާގެ އިންތިގާލީ ވެރިކަމުގެ ވާހަކަތައް ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ހުންނަވާ ނަމަ ނުދައްކާނެ ކަމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ބުނެފި އެވެ.
ޖެނީވާގެ ވާހަކަތަކުގައި ބައިވެރިވާ ސޫރިޔާގެ ވަފްދުގެ މެންބަރެއް ކަމަށްވާ މުހައްމަދު އައްލޫޝް ވިދާޅުވީ ބައްޝާރުލްއަސަދު ވެރިކަމުގައި ހުންނަވާ ނަމަ ސޫރިޔާގައި އިންތިގާލީ ވެރިކަމެއް އުފެއްދުމުގެ ޖާގަ ނޯންނާނެ ކަމަށާ ސޫރިޔާގައި އިންތިގާލީ ވެރިކަމެއް އުފެއްދޭނީ ބައްޝާރު އަވަހާރަވެގެން ނޫނީ އޭނާ ވެރިކަން ދޫކޮށްލެއްވުމުން ކަމުގަ އެވެ.
ސޫރިޔާގެ ސުލްހައިގެ ވާހަކަތައް މާދަމާ ޖެނީވާގައި ފެށޭ އިރު އެ ގައުމުގެ މައްސަލަހައްލު ކުރުމަށް ގެންގުޅޭ މައިގަނޑު ވިސްނުމަކީ 18 މަސްދުވަހު އިންތިގާލީ ވެރިކަމެއް އުފެއްދުމެވެ. އެއަށް ފަހު އިންތިޚާބެއް ބާއްވައިގެން ވެރިއަކު އިންތިޚާބު ކުރުމެވެ. އަށާރަ މަސް ދުވަހުގެ އިންތިގާލީ މަރްޙަލާއަށް ފަހު ސޫރިޔާގައި ބާއްވާނީ ރިޔާސީ ނިޒާމެއްކަން ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ކަނޑައަޅާނީ އިންތިގާލީ ސަރުކާރުގެ ބެލުމުގެ ދަށުން އެކުލަވާލާ އައު ދަސްތޫރެއްގެ ދަށުންނެވެ. މައްސަލަ އުފެދިފައި ވަނީ އިންތިގާލީ ސަރުކާރު އެކުލަވާލާނީ ރައީސް ބައްޝާރާނުލައި ނޫނީ އޭނާގެ ވެރިކަމުގެ ދަށުންކަމާމެދުގަ އެވެ.
ސޫރިޔާ ސަރުކާރާއި އެ ސަރުކާރަށް ތާއީދު ކުރާ ގައުމުތައް ކަމަށްވާ ރަޝިޔާ އާއި އީރާނުން ބޭނުންވަނީ ބައްޝާރުގެ ފަރާތުގެ މީހުންނާއި އިދިކޮޅު ޖަމާއަތްތަކުގެ މީހުން ހިމެނޭގޮތަށް އެއްބައިވަންތަކަމުގެ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ތާއީދުކުރާ ގަރަތާއި ސައޫދީ އަރަބިޔާއާ އަދި އެމެރިކާ ބޭނުންވަނީ ބައްޝާރާ ނުލައި ހަމައެކި އިދިކޮޅު ފަރާތްތަކުގެ މައްޗަށް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށެވެ. އެ މައްސަލާގައި ޚިޔާލު ތަފާތުވުން މިހާ ބޮޑުވެފައިވާ އިރު ސުލްޙައިގެ ވާހަކަތައް މާދަމާ ފެށުނު ނަމަވެސް އެ ވާހަކަތަކަށް ކުރިއެރުން ލިބޭނެކަމާމެދު ވަނީ ސުވާލު އުދެފިފަ އެވެ. އަނެއްކޮޅުން ސޫރިޔާ ސަރުކާރުން ވަނީ އެގައުމުގެ ވެރިކަމުގެ ނިޒާމާ އަދި އިންތިޚާބާމެދު ގޮތެއް ނިންމުމުގެ އެއްވެސް ފުރްސަތެއް ޖެނީވާގައި ފެށޭ ސުލްހައިގެ ވާހަކަތަކުގައި ނުދޭނެ ކަމަށް ބުނެފަ އެވެ.
ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދް އަލްމުޢައްލިމް ވިދާޅުވީ ޖެނީވާގެ ސުލްހައިގެ ވާހަކަތަކަކީ ސޫރިޔާގެ ވެރިކަން އިދިކޮޅު ފަރާތްތަކާ ހަވާލުކުރުމުގެ ވާހަކަތަކެއް ކަމަށް އެފަރާތްތަކަށާ އަދި އެފަރާތްތަކަށް ވާގިވެރިވާ ގައުމުތަކަށް ހީވާނަމަ އެއީ ހުވަފެނެއްކަމަށް ސިފަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)