ވޮޝިންޓަން (މާޗް 13): އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ފަރާތްތަކުން ރުޅިވެރިކަން ނުފެތުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.

އޮބާމާ އެހެން ވިދާޅުވީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ، ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއްގައި ހަމަނުޖެހުންތައް ބޮޑުވުމުގެ ސަބަބުން އެ ރެލީ ކެންސަލް ކުރިތާ އެއްދުވަސް ފަހުންނެވެ.

"ވެރިކަމަށް ވާދަކުރައްވަމުން ގެންދަވާ ފަރާތްތަކުން އެކަކު އަނެކަކަށް ބަދުބަސް ބުނެ، ސްކޫލް ކުދިން ފަދައިން ބަހުގެ ހަމަލާދީ، ދޮގު ވާހަކަ ދައްކައި ދީނީ އަދި ނަސްލީ ބައިބައިވުންތަކަށް ހިތްވަރުދިނުމަށް ވުރެ އިސްކަން ދޭން ޖެހޭނީ ވެރިކަން އިތުރަށް ރަނގަޅު ކުރަން،" އޮބާމާ ވިދާޅުވި އެވެ.

އަދި ހާއްސަކޮށް "އެމެރިކާގެ ރައްޔިތުން އެކަކު އަނެކަކަށް ހަމަލާދީގެން ނުވާނެ" ކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.

ޝިކާގޯގައި އިއްޔެ އޮތް ޓްރަމްޕްގެ ރެލީ ކެންސަލްކުރީ ޓްރަމްޕަށް ތާއިދު ކުރާ ފަރާތްތަކާއި އެހެންފަރާތްތަކާ ދެމެދު ތަޅާފޮޅުންތައް ފެށުމުގެ ސަބަބުން "ސަލާމަތީ ސަބަބުތަކަށް ޓަކައި" އެވެ.

ރިޔާސީ ކެމްޕެއިންގައި ޓްރަމްޕާ ވާދަކުރައްވާ ފަރާތްތަކުން ވަނީ ޓްރަމްޕަކީ ރުޅިވެރިކަން ފެތުރޭ ގޮތަށް ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށް ބުނެފަ އެވެ. (ބީބީސީ)