13 Mar 2016, 09:23
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން ދިވެހި ވިޔަފާރިވެރިޔަކު ބްލެކްމެއިލް ކުރި މައްސަލައެއްގައި ސްރީ ލަންކާ އިން ހައްޔަރުކޮށްފައިވާ މީހުންގެ އަތުން 100 އަށް ވުރެ ގިނަ މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ ސަންޑޭ ޓައިމްސް އިން ބުނީ، ބަރަހަނާ ވީޑިއޯތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ފަސް ފަރާތެއް ވެސް ހިމެނޭ ކަމަށެވެ. އަދި ބުނީ ބްލެކްމެއިލްގެ މައްސަލާގައި ހައްޔަރުކުރި މީހުން އެކަން ހިންގާތާ ދެ އަހަރު ވެފައިވާ ކަމަށާއި އެމީހުންގެ އެކައުންޓްތަކަށް 6.5 މިލިއަން ރުޕީސް ވަދެފައިވާކަން މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ.
ލަންކާ ފުލުހުންގެ ސައިބަ ކްރައިމް ޑިވިޝަންގެ އޮފިޝަލަކު އެ ނޫހަށް ބުނީ ބަރަހަނާ ވީޑިއޯތައް ހޯދާފައި ވަނީ އަންހެނެއްގެ ނަމުގައި މީހުންނަށް ފޭސްބުކުން ފްރެންޑް ރިކުއެސްޓެއް ފޮނުވުމަށް ފަހު، ރަހުމަތްތެރިކަން އުފައްދައި ސްކައިޕް މެދުވެރިކޮށް މުއާމަލާތުކޮށްގެން ކަމަށެވެ.
"ވިކްޓިމް ފްރަންޓް ކެމެރާ ސްވިޗް ކުރިހާ އަވަހަކަށް އަންހެން މީހާގެ ސައިޑުން [ބްލެކްމެއިލް ކުރުމުގެ މަސައްކަތް ކުރާ މީހުން] މި ހަދާގޮތަކީ ކުރިން ރެކޯޑް ކޮށްފައިވާ އަންހެނެއްގެ ބަރަހަނާ ފޮޓޯ ނުވަތަ ވީޑިއޯ ޕްލޭކުރަނީ. އެގޮތަށް ކުރީމަ ވިކްޓިމް ވެސް ބަރަހަނާ ވަނީ. އެހިސާބުން އެ ވީޑިއޯ ރެކޯޑްކޮށް ބްލެކްމެއިލް ކުރުމަށް ބޭނުންކުރަނީ،" ލަންކާ ފުލުހުން ބުނެފައިވެ އެވެ.
ދެހިވަލާގައި ހުންނަ ހޮޓަލަކުން ދެ ދިވެއްސަކު ހައްޔަރުކުރީ ދިވެހި ވިޔަފާރިވެރިޔަކު ލަންކާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުން ކަމަށާއި އެ ވިޔަފާރިވެރިޔާގެ އަތުން ވެސް 9.8 މިލިއަން ލަންކާ ރުޕީސްއާ އެއްވަރުގެ އަދަދެއް ދިވެހި ފައިސާ އިން ހޯދާފައިވާ ކަމަށް ސީއައިޑީ އިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުން ތަހުގީގަށް މި މަހުގެ 26 ވަނަ ދުވަހާ ހަމަޔަށް ބަންދުގައި ބައިތިއްބަން ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން ވަނީ ހުއްދަ ދީފަ އެވެ.