އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޗެލްސީ 2-0ގެ ނަތީޖާ އަކުން ބަލިކޮށް އެވަޓަންއިން އެފްއޭކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި އެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ހާފްގައި އެވަޓަން އިން ވަނީ ރަނގަޅަށް ކުޅެ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

އެ މެޗުގައި އެވަޓަން އަށް އެމެޗުގައި ލީޑް ލިބިގެންދިޔައީ މެޗުގެ 78 ވަނަ މިނެޓްގައި ޗެލްސީގެ ކުރީގެ ފޯވާޑް ރޮމެލޫ ލުކަކޫ ގެ ގޯލުންނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން، ލުކާކޫ ވަނީ އެވަޓަންގެ ދެވަނަ ގޯލު ކާމިޔާބްކޮށް މުބާރާތުގެ ސެމީފައިނަލަށް އެ ޓީމް ގެންގޮސްދީފަ އެވެ.

އެ މެޗުގެ ދެވަނަ ހާފްގެ ފަހު މިނެޓްކޮޅުގައި ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާއަށް ރަތްކާޑު ދެއްކި އިރު، އޭގެ ތިން މިނެޓްފަހުން އެވަޓަންގެ މިޑްފިލްޑަރު ގެރެތް ބެރީއަށް ވެސް ރެފްރީ ވަނީ، ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދައްކާފަ އެވެ. ކޮސްޓާ އަށް ދެއްކި ދެ ވަނަ ރީނދޫ ކާޑަކީ ބޯޅަ ނެތިސް ބެރީގެ ކޮނޑުގައި ދަތް އެޅުމުން ދެއްކި ރީނދޫ ކާޑެކެވެ.

އެފްއޭކަޕުން ޗެލްސީ ކަޓާފައިވާ އިރު، އެޓީމް ވަނީ ޗެމްޕިއަންސް ލީގުން ވެސް ކަޓާފައެވެ. އެޓީމަށް ބާކީ އޮތީ އިނގިރޭސި ޕްރިމިއާ ލީގު އެކަންޏެވެ. ނަމަވެސް ލީގުގައި ޗެލްސީ 10 ވަނައިގައި އޮތް އިރު، އެއް ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެ ޓީމާ ދެމެދު 20 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެހެންކަމުން މި ސީޒަން ޗެލްސީއަށް ތައްޓެއް ލިބުމަކީ ނާދިރު ކަމެކެވެ. އަދި އަންނަ ސީޒަނުގައި ޔޫރަޕްގެ ކްލަބް މުބާރާތަކުން ޗެލްސީ ފެނުމުގެ ފުރުސަތު ވެސް ކުޑަ އެވެ.

އެވަޓަންގެ އިތުރުން ދެން މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވަނީ، ކްރިސްޓަލް ޕެލެސް އެވެ. މިއީ 21 އަހަރަށް ފަހު ޕެލަސް މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

އެފްއޭކަޕްގެ ކުއާޓާފައިނަލްގެ ދެ މެޗު މިއަދު ކުޅޭއިރު ފުރަތަމަ މެޗުގައި އާސެނަލް އާއި ދެކޮޅަށް ނިކުންނާނީ ވޮޓްފޯޑް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ވެސްޓްހަމް ޔުނައިޓެޑެވެ.