13 Mar 2016, 09:00
މޯލްޑިވިއަން އައިޑަލްގެ ގަދަ 10ގައި ވާދަ ކުރުމަށް ފަހު، ކ. މާފުއްޓަށް އުފަން މުހައްމަދު ނަޒީހު، (ރާޅު ބޯއި) މުބާރާތާ އަލްވަދާއު ކިޔައިފި އެވެ. ހުކުރު ދުވަހުގެ ރޭގެ ޝޯވްގައި "މަގެ ލޯބީ ދަރިފުޅާ" ލަވަ ހުށަހަޅައި ދިން ނަޒީހު ޝޯވް އިން ކެޓީ ވޭތުވެ ދިޔަ ތިން ހަފުތާގައި ވެސް ބޮޓޮމް ތުރީގައި ހިމެނުމަށް ފަހު އެވެ.
ނަޒީހު އާ އެކު، މޯލްޑިވިއަން އައިޑަލްގެ "މުނިފޫހިފިލުވައިދޭ ބައިވެރިއާ" އިބްރާހިމް އަމާން އާއި ފާތިމަތު އަޒްލީމާ ވެސް ވަނީ ބޮޓޮމް ތުރީގައި ހިމެނިފަ އެވެ. އެހެންނަމަވެސް، ނަޒީހު ޝޯވް އިން ކެޓުމާ އެކު، އެ ދެ ބައިވެރިންނަށް ވަނީ ގަދަ ނުވައަކުން ޖާގަ ލިބިފަ އެވެ.
މިހާރު ޝޯވްގައި ތިބީ ދެ އަންހެން ބައިވެރިންނާއި ހަތް ފިރިހެން ބައިވެރިންނެވެ. އެހެންކަމުން ކުރިއަށް އޮތް ޝޯވްތައް އިތުރަށް ފޯރި ގަދަ ވެގެންދާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި ފުރެއިންޗައިސް އުސޫލުން މިހާނަތަށް ބާއްވާ ލަވަ ކިއުމުގެ އެންމެ ބޮޑު ޝޯވް މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯވް އޮންނާނީ އަންނަ އެޕްރިލް މަހުގެ 30 ވަނަ ދުވަހު އެވެ.