12 Mar 2016, 21:34
ޖަރުމަނުގެ ބާލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއާގެ މައިގަނޑު މަސައްކަތަކަށް ކުރި ކަމަކީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރަން ކުރާ މަސައްކަތުގައި ދައްކާ ވާހަކަ ތަކުގެ ހަގީގަތް ހާމަކޮށްދިނުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ ދެބޭފުޅުން ވެސް އެހެން ވިދާޅުވީ ބާލިން ފެއާއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މިރޭ ރާއްޖެއަށް ވަޑައިގެން މީޑިއާތަކަށް ދެއްވި ހާއްސަ އިންޓަވިއުގަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމުގެ ބޭނުމުގައި ބޭރުގެ ގައުމުތަކުގައި ތަފާތު "ދޮގު ވާހަކަތައް" ފަތުރަމުން އަންނަ ކަމަށާއި، ފެއާގައި މައިގަނޑު މަސައްކަތަކަށްވީ އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުން ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ޖަރުމަނުގެ މެއިންސްޓްރީމް މީޑިއާތަކުގައި އެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދީފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުދިން ކަމަށާއި، އިދިކޮޅު ފަރާތްތަކުން އެފަދަ މަސައްކަތްތަކެއް ކުރަމުން އަންނާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކި އިރު އެ ފަރާތްތަކުން ވެސް އެބަ ތެދުވެލާފައި ބުނޭ ތިމަންނަމެން ރާއްޖެއަށް ދިޔައީމޭ، ތި ވިދާޅުވާ ގޮތަކަށް ނޫނޭ ކަންތައްތައް ދިޔައީ. އެހެންވީމަ އެ ފަރާތްތަކަށް ވެސް އެބައިނގޭ އެ ދައްކާ ވާހަކަތަކަކީ ތެދެއް ނޫންކަން. އެހެން ނަމަވެސް އެގޮތަށް ވާހަކަ ދައްކަންޏާ އޭގެ އަސަރު ކޮންމެ ގޮތަކުން ނަމަވެސް ރާއްޖެއަށް ކުރާނެ. އެކަން ކާމިޔާބުވިޔަކަ ނުދޭނަން،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅެއް ވެސް ޖަރުމަނަށް ވަޑައިގެން ރާއްޖޭގެ ޓޫރިޒަމަށް ހުރަސްއަޅައި އައިޓީބީ ފެއާއަށް ހުރަސްއަޅަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެފަދަ ކަންކަމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ، އެ ފަރާތްތަކުން ރާއްޖޭގެ ޒުވާނުން އައިސިސްއާ ގުޅެމުން އަންނަ ކަމަށް ވާހަކަތައް ދައްކާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކޮށް ވަޒީފާތައް މަދުވުމުން މީހުން "ގޯޅި އޮޅިގެން" ދާނީ އެފަދަ ކަންކަމަށް ކަން އެ އަމަލުތައް ހިންގާ ފަރާތްތަކަށް ނުވިސްނުމަކީ ދެރަ ކަމެއް ކަމަށާއި އެ ކަންކަމަކީ ހެވެއް ނޭދި ކަނޑައެޅިގެން ޓޫރިޒަމް ބޮއިކަޓްކުރަން ހިންގާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.