12 Mar 2016, 22:42
އިނގިރޭސި ޕްރިމިއާ ލީގްގައި ރެލިގޭޝަން ޒޯނުގައި އޮތް ނޯވެޗް ސިޓީ އާއި މެންޗަސްޓާ ސިޓީ ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރުވެގެން ނިމެއްޖެ އެވެ.
މިރޭގެ މެޗަށް ފަހު ވެސް ޕޮއިންޓް ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެއްވަނާގައި ލެސްޓާ ސިޓީ 60 ޕޮއިންޓާ އެކު އޮތްއިރު ދެވަނާގައި އޮތް ޓޮޓެންހަމް އަށް ލިބެނީ 55 ޕޮއިންޓެވެ. ފަންސާސް ދެ ޕޮއިންޓާ އެކު އާސެނަލް އޮތީ ސިޓީ އަށް ވުރެން އެއް ޕޮއިންޓް އިތުރަށް ލިބިގެން ތާވަލުގެ ތިން ވަނައިގަ އެވެ.
ނޯވެޗްގެ ދަނޑުގައި ކުޅުނު އެ މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީ ކުޅުނު ނަމަވެސް އެ ޓީމަށް ވަނީ ނޯވެޗުގެ ގޯލުފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ. އެގޮތުން ސިޓީގެ ސާޖިއޯ އަގުއެރޯ ފޮނުވާލި ދެ ހަމަލާއެއް ވެސް ވަނީ ނޯވެޗްގެ ކީޕަރު ދިފާއުކޮށްފަ އެވެ.
މުޅި މެޗު ސިޓީން ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ގޯލާއި އަމާޒް ކޮށް އެންމެ ނުރައްކާތެރި ބޯޅައެއް ފޮނުވާލެވިފައި ވަނީ ނޯވެޗްގެ ބެމްފޯޑް އަށެވެ. ޗެލްސީ ލޯން އެއްބަސްވުމެއްގެ ދަށުން ނޯވެޗް އަށް ކުޅެމުން އަންނަ ބެމްފޯޑް ސިޓީގެ ޕެނަލްޓީއޭރިއާ ކުރިމަތީގައި ހުރެ ފޮނިވާލި އެ ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު މެނުއަލް ޕެލިގްރިނީ ބުނީ ނަތީޖާއާ މެދު ވަރަށް ބޮޑަށް މާޔޫސްވާ ކަމަށާއި މުޅިމެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސް ކުރަން ސިޓީގެ ކުޅުންތެރިން ނުކުޅެދުނީ ކަމަށެވެ.
"ފަހު ހާފްގައި ސިޓީއިން ޖެހޭ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަން. އެ މެޗުން ގެއްލިގެން އެދިޔައީ މުހިންމު ދެ ޕޮއިންޓް. އަދި ވެސް ލީގާ މެދު އުންމީދެއް ނުގެއްލޭ. އަހަރެމެން މި ވިސްނަނީ ވަރަށް ޕޮޒިޓްވިކޮށް." ޕެލިގްރިނީ ބުންޏެވެ.