މިއަދު އެއީ ރަހުމުކުޑަ އިންސާނެކެވެ. އަނެކާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ދިނުމަކީ އޭނާ އަށް ލިބޭ އުފަލެކެވެ. ހުރިހާ ވަގުތެއް މިއަދު އޭނާ އެ ހޭދަކުރަނީ އެފަދަ ޖަރީމާތައް ހިންގުމަށެވެ. އެފަދަ ކަމެއްނުކޮށް މިއަދު އޭނާ ހިތްހަމައެއް ނުޖެހެ އެވެ. މުޅި މުޖުތަމައު މިއަދު އޭނާ ބަލައިގަންނަނީ ވެސް މުޖުރިމެންގެ ގޮތުގަ އެވެ. ނުބައިނުލަފާ މީހެއްގެ ގޮތުގަ އެވެ. މިއަދު ކުށްވެރިއަކީ އެއީ އެވެ. އެކަމަކު އެނގޭ ހެއްޔެވެ. އޭނާ އަށް އެހާލަތަށް ދިއުމަށް މެދުވެރިވި އެއް ސަބަބަކީ ބައެއްގެ ރަހުމު ކުޑަ އަނިޔާތަކެކެވެ. އެދުވަހު އޭނާ ޖެހުނީ އެއަނިޔާތައް ތަހަށްމަލް ކުރާށެވެ. މިއަދު އޭނާ ވެފައި ވަނީ އަނިޔާވެރިއަކަށެވެ.

ކަންމަތީ ގުރޫޕެއްގެ "ދާދާ" އަކަށް މިއަދު ހަރަކާތްތެރިވާ އެޒުވާން ފިރިހެން ކުއްޖާއަކީ ގުރޭޑް ހަތެއްގައި ތައުލީމް ހާސިލްކުރި އިރުން ފެށިގެން ހަނގާ ކުރުން ނުވަތަ "ބްލީ" ކުރުމުގެ ޝިކާރައަކަށްވެފައިވާ ކުއްޖެކެވެ. އޭނާގެ ސިފަޔާއި އުޅުމާއި ގުޅޭގޮތުން ކުލާސްކުދިން އަބަދު "ބަވާ" މަލާމާތްކުރާ އިރު އޭނާ ވެފައި ވަނީ އެމީހުން ފޫހިފިލުވުމަށް ތަޅަންހުރި "ޕަންޗިން" އަކަށެވެ. ހަމައެކަނި އަނިޔާއާއި މަލާމާތެއް ނޫނެވެ. އެމީހުންގެ މުނިފޫހި ފިލުވުމަށް ޖިންސީ ގޮތުން ވެސް އެތައް ގޯނާއެއްކޮށް މަލާމާތްކޮށްހެދީ އެވެ.

ދިމާވެފައިވާ މައްސަލަތައް ސަން އަށް ކިޔައިދެނީ- ސަން ފޮޓޯ ހާފިޒު

ރަހުމު ކުޑަ އެތައް އަނިޔާއެއްގެ ސަބަބާ ގުޅިގެން އޭނާ ކިޔެވުން މަތިން ފޫހިވި އެވެ. ސްކޫލަށް ދިއުމާއި ފިލާވަޅުހެދުމުން ދުރަށްޖެހުނެވެ. ނަތީޖާއަކަށްވީ ގުރޭޑް 7 އަކުން ފެށިގެން ކިޔެވުމަށް ދަށް ކުދިންގެ ކުލާހެއްގައި ތައުލީމް ހާސިލް ކުރަންޖެހުމެވެ. އެއާ އެކު ގޯނާތައް އިންތިހާއަށް އިތުރުވި އެވެ. އެހުރިހާ ގޯނާއަކަށް އޭނާ ދިޔައީ ކެތްކުރަމުންވެ. ނަމަވެސް އޭނާ އެޝަކުވާތައް އޭރު ވެސް ދިޔައީ ޓީޗަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަމުންނެވެ. ނަމަވެސްވީ ކަމެއްނެތެވެ. ހަމަޖެހުނީ އަނިޔާ ލިބިލިބި އިންނަންށެވެ. ކުދިން ހަނގާ ކުރާތީ އޭނާ ސްކޫލަށް ދިއުން ހުއްޓާލުމުގެ ނަތީޖާއަކަށްވީ ގުރޭޑް 9 އަކުން ސްކޫލުން ވަކިކުރުމެވެ.

މަޑުމައިތިރި މިޒާޖުގެ އެޒުވާނާ އަށް ސްކޫލުތެރެއިން ލިބެމުން އައި އަނިޔާތަކުގެ ސަބަބުން އޭނާގެ އުޅުމާއި އަހުލާގަށް ބޮޑެތި ބަދަލުތަކެއްއަ އެވެ. ކުލާހުގައި މަޑުމައިތިރިކަމާ އެކު ހުރިހާ ކަމެއް "ހަޖަމް" ކޮށްލައިގެން އިންނަމަވެސް ގޭތެރެއިން އޭނާ ދިޔައީ އެރުޅިވެރިކަން ދައްކަމުންނެވެ. މައިންބަފައިންނަށް އަނިޔާކުރަން ފެށި އެވެ. ރުޅިގަދަވެގެންގޮސް އަމިއްލަ އަތުންފައިން ގޯސްހަދަން ފެށި އެވެ.

އިއްޔެވީ ކަމެއްހެން އެހުރިހާ އަނިޔާއެއް މިއަދު ވެސް އޭނާ ހަނދާންހުރެ އެވެ. އެވަރަށް ހަނގާ ކުރުމުގެ ސަބަބުން މިއަދު އަމިއްލަ ނަފްސަށް މަލާމާތްކުރެ އެވެ. ހާއްސަކޮށް ފިރިހެނުން ދެކެ އިންތިހާއަށް ރުޅިއާދެ އެވެ. ސްކޫލުން ވަކިކުރުމުން ގޭންގަކާ އޭނާ ގުޅުނީ އެފަދަ އަނިޔާތަކުން ސަލާމަތް ވުމަށްޓަކަ އެވެ. ހަނގާކުރުމުގެ ޝިކާރައަކަށްވެ ރަނގަޅު އީމާންތެރިކަމަކާއި ތަރުބިއްޔަތެއް ނުލިބުމުގެ ސަބަބުން އޭނާ ހިޔާރުކުރީ މަގުތަކަށް ގިނަވުމަށެވެ.

ގޭންގަކާ ގުޅުމާ އެކު އެގޭންގުން އޭނާ ބޭނުން ކުރަމުން ދަނީ މާރާމާރީތައް ހިންގުމަށެވެ. ޅައިރުގެ އެހިތްދަތި ކަންތައްތަކުގެ ސަބަބުން މިއަދު އިންތިހާއަށް ރުޅިގަދަ އޭނާ އަށް އެހެން މީހަކަށް އަނިޔާއެއް ދިނުމަކީ އުފަލެކެވެ. އެގުރޫޕުގައި ހަރަކާތްތެރިވާ އެންމެ ރަހުމުކުޑަ ޖެހިލުން ކުޑަ މީހާއަކީ އޭނާ އެވެ. އެއީ ޅަދުވަހު ލިބުނު އަނިޔާތަކުގެ ނަތީޖާ އެވެ.

ޅައިރު ކުރިމަތިވި ހަނގާ ކުރުމުގެ އަނިޔާގެ ސަބަބާހުރެ އެޒުވާނާ މިއަދު އެވަނީ މަގުން ކަށްސާލައިފަ އެވެ. މިއަދު އޭނާ ކުށްވެރިވާ ފަދައިން އޭނާ އެހާލަތައް ގެންދިޔަ މީހުން ވެސް ކުށްރިވާންޖެހެ އެވެ. ހަނގާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އޭނާ ވަނީ ނަފްސާނީ ބައްޔެއްގެ ތެރޭގަ އެވެ. އޭނާ ރަހުމުކުޑަ މީހަކަށް ވީ މައިގަނޑު އެއް ސަބަބަކީ އެއީ އެވެ.

ވިޔާނުދާ މީހަކަށް ވެެގެންދަނީ ބައްޔަކާ ވެސް އެކުގައި

ހަނގާކުރުމުގެ ސަބަބުން އެންމެ ގިނައިން ދިމާވާ ނަފްސާނީ ބައްޔަށް މިކިޔަނީ ޕެރަނޮއިޑް އެވެ. ޕެރަނޮއިޑް އަކީ ދިގުދެމިގެންވާ ގޮތެއްގައި ޝައްކު ކުރުމާއި އާއްމުކޮށް އެންމެނަށް ޝައްކު ކުރުން އެކަމުގައި އެކުލެވޭ ނަފުސާނީ މައްސަލައެކެވެ. އެމައްސަލަ ހުންނަ މީހުންނަކީ މާބޮޑަށް އަސަރުކުރާ ( ހައިޕާ ސެންސިޓީވް) އެހެންމީހުންގެ ފަރާތުން ގޯސްކޮށް ކަންތައްތައްވާ ކަމަށް ފަސޭހައިން ގަބޫލުކުރެވޭ ބައެކެވެ.

އެމީހުން މާހައުލު ހޯދައި ބަލާނީ އެމީހުން ކުރާ ޝައްކަށް ނުވަތަ ގަންނަ ބިރަށް ޖާގަލިބޭ ހެކިތައް ހޯދުމަށެވެ. އެމީހުން ގަބޫލުކުރާނީ އެމީހުން އަބަދުވެސް ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. އަދި އެމީހުންނަށް ނުރައްކަލެއް ނެތްކަމުގެ މައްޗަށް ބާރުދޭ ހެކިތައް އެމީހުން ގަބޫލެއް ނުކުރާނެ އެވެ.

ހަނގާ ކުރުމުގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތައް!

ހަނގާކުރުމަކީ ރާއްޖޭގެ ސްކޫލުތަކުގައި ވެސް އިންތިހާއަށް ހިނގަމުންދާ ކަމަކަށްވާ އިރު އެއީ ނަފްސާނީ ގިނަ މައްސަލަތަކެއް ދިމާވާ ކަމެކެވެ. އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި ހަނގާކުރުމުގެ ޝިކާރައަށްވެފައިވާ ކުއްޖާގެ ފަރާތުން އޭރު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނިދަން އުނދަގޫވެގެން އުޅުމާއި ރަނގަޅަށް ނުކެއުމުގެ އިތުރުން ތައްމައްޗަށް ހީސްލުން ހިމެނެ އެވެ. ހަމައެއާ އެކު އެކަހެރިކޮށް އުޅުމާއި ހިތްބަލިވެ އަވަހަށް ރުއިމާއި އިންތިހާއަށް ރުޅިގަދަވުމަކީ އޭގެ އަލާމާތްތައް ކަމަށް ސައުދާ ވިދާޅުވި އެވެ.

ސައުދާ ވިދާޅުވި ގޮތުގައި ހަނގާ ކުރުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖަކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު އެއްކޮށް ގެއްލިގެންދެ އެވެ. ހަމައެއާ އެކު އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރުމުގެ މައްސަލަ އަކީ ދިމާވާ ކަމެއް ކަމަށް ސައުދާ ވިދާޅުވި އެވެ.

"އެކުއްޖަކަށް ފަންކްޝަންވާންވާ ގޮތަކަށް ނުވެވޭނެ، އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ނަމަ ކުރެވޭނެ ކަމެއް ނޯންނާނެ، އަމިއްލަ ނަފްސާ ދޭތެރޭގައި ނެގަޓިވްކޮށް ދެކޭ ކަމަށް ވަންޔާމު ތިމާއަކީ އެއްވެސް މީހަކަށް ނުވާނެ،" ސައުދާ ވިދާޅުވި އެވެ.

ބެލެނިވެރިންގެ ދައުރު ބޮޑުކުރަން ޖެހޭ!

ސައުދާ ވިދާޅުވާ ގޮތުގައި ސްކޫލުގެ ތެރެއިން ހަނގާ ކުރުމުގެ ކަންކަން ދިމާވާ ނަމަ އެކަން ދެނެގަންނަ އެންމެ ފަސޭހަ އަލާމާތަކީ އެކުއްޖަކު އެކި ސަބަބުތައް ދައްކައިގެން ސްކޫލަށް ނުދާން އުލުމެވެ.

"ފަހަރެއްގައި ބަނޑުގައި ރިއްސަފާނެ ނުވަތަ ބޮލުގައި ރިއްސަފާނެ، އެފަދަ ސަބަބުތައް ދައްކައިގެން ކުއްޖާ ސްކޫލަށް ނުދާން އުޅޭނެ، އެނޫނީ ފަހަރެއްގައި ގޭތެރެެއިން އެފަދަ މާހައުލެއް ނެތުމުން ބައެއް ކުދިން ސްކޫލަށް ހިނގައި ވެސް ދާނެ، އެކަމަކު އެކުދިންގެ އުޅުުމުން އެކަން ދެނެގަންނަންޖެހޭނެ." ސައުދާ ވިދާޅުވި އެވެ.

މިފަދަ ކަންކަން ދިމާވެ ކުދިން މަގުއޮޅި ނުދަނީސް އެކަންކަމަށް ކުރިއާލާ ފިޔަވަޅުތައް އަޅަންޖެހެ އެވެ. ސައުދާ ވިދާޅުވާ ގޮތުގައި ސްކޫލުގައި ނުވަތަ އެހެންތަނަކުން ވެސް ވާއެފަދަ ކަމެއްގެ ވާހަކަ ކުދިން ދައްކާ ނަމަ އެކަން ބެލެނިވެރިން ބަލަންޖެހެ އެވެ.

"ކޮމްޕުލެއިންއެއް އައިސްފި ނަމަ އެވަނީ ކިހިނެއްތޯ ބަލާލާށޭ، ބްލީ ކޭސްތަކުގައި އާންމުކޮށް ކުދިން ނުބުނާނެ، ސަބަބަކީ ބިރުގަތުން، ހިއްސާކުރާ ގަޑީގައި އިތުބާރުކޮށްފައި އެކަން ބަލާށޭ." ސައުދާ ވިދާޅުވި އެވެ.

ފަރުވާ އަވަސްކުރޭ، ފަހުން މާގޯސްވެދާނެ

ސައުދާ ވިދާޅުވާ ގޮތުގައި ޕެރަނޮއިޑްގެ ސަބަބުން ގޯސްހާލަތައް ގޮސްފައިވާ ފަރާތްތައް ހައްލުކުރެވޭނީ އެކަމަށް ބޭސް ކައިގެންނެވެ. ބޭހުގެ އިތުރުން ތަފާތު އެކި ސައިކޯތެރަޕީތައް ނެގުން މުހިންމެވެ. އޭރުން އެކުއްޖާގެ ކަންކަން ގޯހުންގޯހަށް ނުދަނީސް އެކަމުން ސަލާމަތް ކުރެވޭނެ އެވެ.

އިސްވެ މިފާހަގަކުރި ޒުވާނާ މަގުމައްޗަށް ގިނަވި އެއް ސަބަބަކީ އޭނާ އަށް ދިމާވި ހަނގާ ކުރުމުގެ ގޯނާތަކެވެ. ހަގީގަތަކީ މިއަދު ވެސް އެތައް ކުދިންއަކަށް އެފަދަ ގޯނާތައް ސްކޫލުތަކާއި އެހެނިހެން ތަންތަނުގެ ތެރެއިން ވެސް ފޯރަމުންދާ ކަމެވެ. އެހެންކަމަށްވާ ނަމަ އިސްވެ މިފާހަގަ ކުރި ހާލަތައް ކަންކަން ދިމާވެ މަގުތަކަށް ގިނަވުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ތިން ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އެފަދަ ކަންކަން ދިމާވެފައިވާ ފަރާތްތަކަށް އަވަހަށް ފަރުވާ ދިނުމަށް ނުވަތަ ހައްލު ހޯދަން މަސައްކަތް ކުރަން ޖެެހެ އެވެ. އެގޮތުން އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.