12 Mar 2016, 19:35
މާލޭ ވަޅޯމަސް މާރުކޭޓު ސަރަހައްދުގައި އިއްޔެ މެންދުރު ހިނގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މާރާމާރީ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ މެންދުރުފަހު ވަޅޯމަސް މާރުކޭޓު ސަރަޙައްދު ހުޅަނގު ފަރާތުގައި އެ މާރާމާރީ ހިނގާފައިވަނީ އެސަރައްހަދުގައި އުޅުނު ދެ މީހެއްގެ މެދުގައެވެ. އެ މާރާމާރީގައި އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާދެމުންދާ އުމުރުން 41 އަހަރުގެ ފިރިހެން މީހާއަކީވެސް މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއް ކަމަށް ފުލުހުން ބުންޏެވެ.
"މިހާތަނަށް ބެލި ބެލުމުން އެނގިފައިވަނީ މިއީ ބަޔަކު ނޫނީ މީހަކު ގަސްތުގައި އަނިޔާ ދިނުމުގެ ބަދަލުގައި، ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހާ އާއި އެހެން މީހަކާ ދެމީހުން މާރާމާރީ ހިންގަމުންދަނިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާ މޫދަށް ވެއްޓުމުގެ ތެރޭގައި ނުވަތަ މޫދަށް ފުންމާލަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއް ކަމަށް،" ފުލުހުންގެ ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އައިޖީއެމްއެޗުގެ އިންފޮމޭޝަން އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި އަދިވެސް އޭނާ ހޭނާރާ ކަމަށެވެ.