13 Mar 2016, 08:48
އުމުރުން 17 އަހަރުގެ މަރިން ރާއީ ހާވޭގެ ލޮލުންނާއި ކަންފަތުން ހުއްޓުމެއް ނެތި ލޭފައިބާއިރު ވެސް އެއީ ކިހިނެތްވާކަމެއް ކަން ޑޮކްޓަރުންނަށް ބުނެދޭކަށް ނޭނގުނެވެ.
ލޮލުންނާއި ކަންފަތުން ލޭފައިބާތީ މިހާރު ގޭން ބޭރަށް ނުނިކުމެވޭތާ ކިތަންމެ ދުވަހެއް ކަމަށާއި އެހެންވެ އެއްވެސް ރަހުމަތްތެރިއެއް ވެސް ނެތް ކަމަށް މަރިން ވަނީ ނިއުސް ބީޓަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. އެކަމަށް ހައްލެއް ހޯދުމަށް އޭނާ ވާނީ ގިނަ ދާއިރާތަކަކުން ހާއްސަ ޑޮކްޓަރުންނަށް ދައްކާފަ އެވެ.
އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، ނާރުގެ ހާއްސަ ޑޮކްޓަރުންނާއި އީއެންޓީ އަދި ކުޑަކުދިންގެ ހާއްސަޑޮކްޓަރުންނަށް މަރިން ވަނީ ދައްކާފަ އެވެ. ނަމަވެސް އަދިވެސް އެއްވެސް ފަރުވާއެއް ހޯދައިދެވޭ ވަރުގެ ޑޮކްޓަރަކާއި ދިމާ ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެންމެ ފުރަތަމަ މަރިންއަށް އެކަން ދިމާވާން ފެށީ 2013 ވަނަ އަހަރު އެވެ. އޭރު ލޭ އަންނަނީ ކެއްސާލުމުން އަނގައިން ކަމަށް އޭނާ ބުންޏެވެ. އެކަންވެސް ރަގަޅު ނުވެ ދިގު ދެމިގެން ގޮސް ލޮލުންނާއި ކަންފަތުން ލޭއަންނަން ފެށީ 2015 ވަނަ އަހަރު ޖުލައިމަހުގެ ތެރޭގަ އެވެ. އެއް ރޭ ނިދާ ހޭލި އިރު މަރިންގެ މުޅި މޫނުމަތީގައި ލޭ ހުރިކަމަށް އޭނާވަނީ ނިއުސްބީޓަށް ކިޔާދީފަ އެވެ.

އުމުރުން 17 އަހަރުގެ މަރިން ރާއީ ހާވޭ -- ފޮޓޯ -- ބީބީސީ
އެކަމާއި ގުޅިގެން ލޭގެ ޓެސްޓުތައްވެސް ހަދާފައިވާއިރު ހުރިހާ ޓެސްޓްތަކެއްވެސް ނޯމަލްކަމަށް ރިޕޯޓުތަކުން ދައްކާފައިވާކަމަށް މަރިން ބުންޏެވެ. އަދި މަރިންއަށް ދިމާވާ އެކަންކަމާއި ޑޮކްޓަރުންވެސް ހައިރާންވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
" ލޭ ފައިބާގޮތަށް މުޅި މޫނު ފޮރުވޭވަރަށް ވެސް ލޮލުން ލޭއައިސްދާނެ. އެހެން ހުރެފަ އަނެއްކާ ހަމަ ހުދުވެގެން ގޮސް ރީތިކޮށް ލޯ ނޯމަލްވެސް ވޭ ބައެއް ފަހަރު. ގިނަ ލޭ ޓެސްޓްތަކެއްވެސް ހެދިން އެކަމު ހުރިހާ އެއްޗެއްވެސް ނޯމަލް" މަރިން ބުނެފައިވެ އެވެ.
ލޮލުން ލޭ ކަރުނަ ފޭބުމަށް ކިޔާ އަނެއް ނަމަކީ ހޫމޮލެކްރިއާ އެވެ. މަރިން ވަނީ އެބައްޔަށްވެސް ޓެސްޓުކޮށްފަ އެވެ. ވަރަށް މަދުން ނޫނީ މިހުންނަށް ނުޖެހޭ އެބަލީގެ އެއްވެސް އަލާމާތެއް މަރިންގައިން ފެނިފައި ނުވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
މީގެކުރިން އޮގޮތަށް ލޮލުންނާއި ކަންފަތުން ލޭ ފައިބަނީ ދުވާލަކު ފަސްމިނެޓަށް ވިޔަސް މިހާރު ވަގުތު އިތުރުވެ ބައެއް ދުވަހަށް ހުއްޓާނުލާ އެއްގަޑި އިރުވަންދެން ކޭ ފައިބާ ކަމަށް މަރިން ބުންޏެވެ. އަދި ފަސް މިނެޓަށް ހުއްޓުމަށް ފަހު އަނެއްކާވެސް ލޭފައިބަން ފަށާ ކަމަށް ވަނީ ބުނެފަ އެވެ.
މިހާރުކޮންމެސްވަރެއްގެ ހައްލެއް މަރިންގެ އެމައްސަލައަށް ލިބޭނެ ކަމުގެ އުންމީދެއް ވަނީ އާވެފަ އެވެ. އެގޮތުން އެއީ ލޭގައި ހުރި އުނިކަމެއްކަމަށް ބަލާ އިންޖެކްޝަނެއް ބޭނުންކޮށްގެން ލޭ މަނާކުރަން ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމަށް މަރިން ބުންޏެވެ. އަދި އެކަން ހައްލު ނުވެއްޖެ ނަމަ އޮޕަރޭޝަނަކަށް ދާން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ މަރިން ވަނީ ބުނެފަ އެވެ.