މެންޗަސްޓާ ޔުނައިޓެޑުން ކުޅެމުން އަންނަނީ ރަނގަޅަށް ކަމަށާއި މައްސަލަ އަކީ ނަތީޖާ ކަމަށް އެ ޓީމްގެ ކޯޗު ލުއިސް ވެން ހާލް ބުނެފިއެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑް ބަލެވެ ވެން ހާލް އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި ދަނޑިވަޅުގައި އޭނާ ބުނީ އެ ޓީމުގެ ކުޅުމުގެ ސްޓައިލްގައި އެއްވެސް މައްސަލަ އެއް ނޫޅޭ ކަމަށާއި ހަމައެކަނި ދިމާވާ މައްސަލަ އަކީ ރަނގަޅު ނަތީޖާ އެއް ނުނިކުތުން ކަމަށެވެ.

"ގިނަ ކުޅުންތެރިން ތަކެއް ނުލައި ތިން މުބާރާތެއްގައި ކުޅެން ޖެހުމުން ވަރަށް އުނދަގޫވެ. ނަމަވެސް ޔުނައިޓެޑްގެ ފަރާތުން ފެނިގެން ދަނީ ރަނގަޅު ކުޅުމެއް. އެހެންވެ މި ކުޅޭ ސުޓްއިލް ބަދަލުކުރާކަށް ނުވިސްނަން،" ވެން ހާލް ބުންޏެވެ.

ކައިރި ކައިރީ ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އަނިޔާވާ ކަމަށް އިޝާރަތް ކޮށް ވެން ހާލް ބުނީ އެ ކަމުގެ ސަބަބުން އެ ޓީމްގެ ސްކޮޑް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާއި އެކު ވެސް ރަނގަޅު ނަތީޖާ އެއް ނެރުމަށް މަސަތްކަތް ކުރާނެ ކަމަށެވެ.

ޔޫރޮޕާ ލީގްގައި އެންމެ ފަހުން ލިވަލޫލާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމް 2-0ގެ ނަތީޖާ އަކުން ބަލިވެފައިވާ އިރު އެ މުބާރާތުގައި ޔުނައިޓެޑުން އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ ދެވަނަ ލެގްގައި ކުޅޭ މޭޗު ތިން ގޯލުގެ ތަފާތުން ކާމިޔާބް ކުރަން ޖެހޭނެއެވެ.

"މިހާރު ކުޅެމުން މިދާ ތިން މުބާރާތުން ވެސް ކާމިޔާބް ހޯދަން ބޭނުން ނަމަ އިބެ ޖެހޭ ރަނގަޅު ކުޅުމެއް ދައްކަން. ވަރަށް އުނދަގޫ ފައްތަރެއްގައި މިއޮތީ ނަމަވެސް އަދިވެސް ފުރުސަތެއް ނުގެއްލޭ. އަބަދަކު އެއްވަރަކަށް ވެސް ނުކުޅެވޭނެ،" ޔުނައިޓެޑްގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ވެން ހާލް ބުންޏެވެ.

ލީގްގައި ޔުނައިޓެޑުން މިރޭ ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނިކުންނައިރު މި ދެ ޓީމް އެންމެ ފަހުން ވެސްޓް ހަމްގެ ދަނޑުގައި ކުޅުނު މެޗު ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމިފައެވެ.

ވެސްޓްހަމް އަށް ވުރެން ދެ ޕޮއިންޓް މަދުން ލިބި 47 ޕޮއިންޓާއި އެކު ތާވަލުގެ ހަ ވަނާގައި ޔުނައިޓެޑް އޮތް އިރު މިރޭގެ މެޗު ކާމިޔާކޮށް އެ ޓީމަށް ފަސް ވަނަ އަށް ކުރިއަށް ޖެހިލަން ފުރުސަތު ލިބޭނެއެވެ.