ވޮޝިންޓަން (މާޗް 12): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރާ ދެކޮޅަށް ނޫސްވެރިޔަކު ޖިނާއީ ދައުވާކޮށްފި އެވެ.

މިޝޭލް ފީލްޑްސް ކިޔާ ނޫސްވެރިޔަކު ފުލުހުންނަށް ހުށަހެޅި މައްސަލައިގައިވާ ގޮތުން ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރު، ކޯރީ ލެވަންޑޮސްކީ ވަނީ އޭނާއަށް އަނިޔާކޮށްފަ އެވެ. ފީލްޑްސް ބުނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އޮތް ޕްރެސް ކޮންފަރެންސަކަށް ފަހު ޓްރަމްޕާ ސުވާލު ކުރުމުން ލެވަންޑޮސްކީ ވަނީ ވަރަށް ބާރަށް އޭނާ އަތުގައި ހިފާ އަނިޔާކޮށްފަ ކަމަށެވެ. އޭގެ ސަބަބުން ފީލްޑްސްގެ އަތުން ފެންނަން ހުރި ނިޝާންތަކުގެ ފޮޓޯއެއް އޭނާ ވަނީ ޓްވިޓާއަށް ލާފަ އެވެ.

ބްރައިޓްބާޓް ނިއުސްގައި މަސައްކަތް ކުރާ ފީލްޑްސް ބުނި ގޮތުގައި އެހާދިސާ ހިނގީ ޓްރަމްޕްއާ ސުވާލުކުރުމަށް ރިޕޯޓަރުން ޓްރަމްޕް ވަށާލާފައި ވަނިކޮށް ފީލްޑްސް އޭނާއާ ސުވާލު ކުރުމުންނެވެ.

"ޓްރަމްޕް އަށް އެސުވާލު އަޑު އިވުނުކަން އިނގޭ. ނަމަވެސް އޭނާ ޖަވާބު ދެއްވުމުގެ ކުރިން ކޮންމެވެސް މީހަކު އަހަރެންގެ އަތުގަ ހިފާ އަހަރެން ފަހަތައް ދަމައިގަތް. އަހަރެން ކިރިޔާ ނުވެއްޓުނީ،" ފީލްޑްސް ބުންޏެވެ.

ލެވަންޑޮސްކީއާއި ޓްރަމްޕް ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. ލެވަންޑޮސްކީ ވަނީ ފީލްޑްސް އަކީ އެހެން މީހުންގެ "ސަމާލުކަން ހޯދަން މަސައްކަތްކުރާ" މީހެއް ކަމަށް ބުނެފަ އެވެ. އަދި ޓްރަމްޕް ވަނީ އެއީ "ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ލަފާ ކުރެވޭ" ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ޓްރަމްޕް ކެމްޕެއިންގެ ތަރުޖަމާނެއް ކަމަށްވާ، ހޯޕް ހިކްސް ވަނީ ފީލްޑްސްގެ ވާހަކައިގެ ތެދު ކަމާ ބެހޭގޮތުން ސުވާލު އުފައްދާފަ އެވެ. އޭނާ ވަނީ އެހާދިސާ އޭނާއަށް ނުފެންނަ ކަމަށާއި އެއްވެސް ކެމެރާއަކުންވެސް އެމަންޒަރު ނުފެންނަ ކަމަށް ބުނެފަ އެވެ. (ރޮއިޓާސް)